ވިޔަފާރި

މަސް އައިން ދެނެގަތުމަށް އެހީވެދޭ ނިޒާމު މިފްކޯއިން 20 ދޯންޏަކަށް ދެނީ

Apr 23, 2015

މަސް އައިން ހޯދައިދުމަށް އެހީވެދޭ ނިޒާމު މިފްކޯ އިން 20 ދޯންޏަކަށް ހަވާލުކުރުމަށް ނިންމައިފި އެވެ.

މޯލްޑިވްސް ފިޝަމަން އެސޯސިއެޝަންގެ އެހީގައި މިފްކޯ އިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިފްކޯ އަށް މިދިޔަ އަހަރު އެންމެ ގިނައިން މަސް ކިރުވި 20 ދޯންޏެއް ހޮވައި، އެ ދޯނިތަކަށް މަސް އައިން ދެނެގަތުމަށް އެހީވެދޭ "ޖީއޯއައި" ސިސްޓަމް ތަކެއް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

މި ސިސްޓަމްތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިފްކޯ އާއި ފިޝަމަން އެސޯސިއޭޝަނާ ދެމެދު މިއަދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދްލީ އިސްމާއިލް އެވެ. އަދި ފިޝަމަން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް މައިޒާން އަހުމަދު މަނިކެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވި ގޮތުގައި މިފަހަރުގެ އެންމެ ބޮޑު އަމާޒަކީ މިހާރު އަލަށް ތައާރަފް ކުރި އައު ޓެކްނޮލޮޖީ އެއް ކަމަށްވާ "ޖީއޯއީ"ގެ އެހީގައި މަސްވެރިންނަށް މަސް އައިން ހޯދުމަށް އެންމެ ދަތިވާ ދުވަސްވަރު ބަލާ ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން މި ކަމުގައި މަސްވެރިން ބައިވެރި ކުރުން ކަމަށެވެ.

އޭނާ ވިދާޅުވީ 20 ދޯންޏަކަށް މި ނިޒާމު ހަވާލު ކުރުމަށްފަހު، އެ ދޯނިފަހަރުގެ ޕާފޯމަންސް ބަލާނެ ކަމަށެވެ.

"ބޭނުންވަނީ މިފްކޯއިން މަސްވެރިންނަށް ވީ އެންމެ ބޮޑަކަށް އެހީވުމަށް. މި ނިޒާމުގެ ސަބަބުން މަސް އައިން ހޯދުމަށް އެހީވެދޭނެ،" އަދްލީ ވިދާޅުވި އެވެ.

ފިޝަމަން އެސޯސިއޭޝަންގެ ރައީސް މައިޒާން އަހުމަދު ވިދާޅުވީ އެންމެ ބޮޑު މަގްސަދަކީ ކުންފުނިތަކާ އެކު މަސައްކަތް ފުޅާ ކުރުން ކަމަށެވެ.އަދި މި ނިޒާމު މެދުވެރިކޮށް ލިބޭ މައުލޫމާތު އެ ޖަމިއްޔާއިން މަސްވެރިންނާ ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.