ހަބަރު

އިދިކޮޅު ފަރާތްތައް ވަނީ ވިއްސިވިހާލިވެފައި އެ މީހުނަށް އެއްކަމެއް ވެސް ނުވާނެ: އަދީބު

Apr 23, 2015
1

އިދިކޮޅު ފަރާތްތައް ވަނީ ވިއްސިވިހާލި ވެފައި ކަމަށާއި އެ މީހުންނަށް މި ސަރުކާރެއް ވައްޓައި ނުލެވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ނައިފަރު ފުޓްސެލް ދަނޑުހުޅުވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެކި ދުވަހު ދައްކަނީ އެކި ވާހަކަ ކަމަށެވެ. އަދި އެ މީހުންގެ ތެރޭގައި ތިބީ ދުވާލު ދެ ދަޅަޔަށް ސިޔާސީ ކުލަ ބަދަލުކޮށް އެކި ފަހަރު އެކި ވާހަކަ ދައްކާ ފަރާތްތައް ކަމަށެވެ. އަދި އޭގެ ތެރޭގައި އުޅޭ އަނެއް ބަޔަކީ، "ހިތާނު ޕާޓީތަކުގައި ނަށައިދޭ ގްރޫޕްތައް ގޮތަށް"، އަގަށް މުޒާހަރާކޮށްދީ ހަރަކާތްތަކެއް ހިންގައިދޭ ބަޔެއް ކަމަށް އަދީބު ވިދާޅުވި އެވެ. ކިތަންމެ ވަރަކަށް ތާރީހު ދިނަސް އެކަހަލަ ބަޔަކަށް ވައްޓާލެވޭނެ ސަރުކާރެއް ނޯންނާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"މިބޭފުޅުން ވިއްސިވިހާލިވެގެން މި އުޅެނީ. އެކަހަލަ ބަޔަކަށް ވައްޓާލެވޭނެ ސަރުކާރެއް ނޯންނާނެ. ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. އަޅުގަނޑުމެން ދާނީ ބާރަށް ވައުދުތައް ފުއްދަމުން ކުރިއަށް. ބްރިޖް ވެސް އަޅާނެ، އެއާޕޯޓް ވެސް ތަރައްގީ ކުރާނެ ބަނދަރު ވެސް ތަރައްގީ ކުރާނެ،" އަދީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކެބިނެޓްގެ ދަށުން އިކޮނޮމިކް ކައުންސިލް އުފައްދަވައި ރައީސް ޔާމީން ގެންދަވަނީ އިކޮނޮމިކް ކައުންސިލްގެ ދަށުން ގިނަ މަޝްރޫއުތަކެއް ހިންގަވަމުންނެވެ. އަދި ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އަވަދިނެތި ވައުދުތައް ފުއްދުމުގެ މަސައްކަތުގައި ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީ ޖަލުގައި ކަމަށް ބުނެ ދެއްކި ވާހަކަ ވެސް މިހާރު އަޑެއް ނީވޭ ކަމަށެވެ. އަދި ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ވާހަަކަ ނުދައްކައި ހަމައެކަނި ދައްކަނީ އަނިޔާ ކުރާ ވާހަކަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަނިޔާއޭ އަނެކެއްޗެކޭ ކިޔައިގެން މި ވާހަކަ ދައްކަނީ ހަމަ ދައްކާނެ ވާހަކައެއް ނެތިގެން. އެކި ފަހަރު އެކި ވާހަކަ. މިއީ މި ބޭފުޅުންގެ ހާލަކީ،" އަދީބު ވިދާޅުވި އެވެ.

ނައިފަރުގެ ތަރައްގީއަށް އަލިއަޅުވާ ލައްވައި އަދީބު ވިދާޅުވީ، އެ ރަށުގެ ފުޓްބޯޅަ ދަނޑު ހަދައިދިނުމަށް އިދިކޮޅު ފަރާތްތަކުން ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ވެސް ކޮށްދީފައި ނެތް ކަމަށް އަދީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޓުއަރިޒަމް އިންޑަސްޓްރީގެ ފަރާތްތަކުގެ އެހީއާ އެކު އެ ރަށު ރަސްމީ ބޯޅަދަނޑުގައި ވިނަ އެޅުމުގެ މަސައްކަތް ކޮށްދެއްވާނެ އެވެ. އަދި އެކަން މާ ލަސްނުވެ ފައްޓާވާނެ ކަމަށް އަދީބު ވިދާޅުވި އެވެ. މި ސަރުކާރުން ވާ ވައުދު ފުއްދާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.