ހަބަރު

ފޯރިގަދަ ގިނަ ހަރަކާތްތަކާ އެކު މޫދު ކުޅިވަރުގެ އީދު ފަށައިފި

Apr 24, 2015

މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ "މޫދު ކުޅިވަރުގެ އީދު" މިއަދު ފަށައިފި އެވެ.

ހޯމް މިނިސްޓްރީން އިންތިޒާމުކޮށްގެން މިނިވަން ކަމަށް ބައި ގަރުނު ފުރުމުގެ މުނާސަބަތުގައި ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މޫދު ކުޅިވަރުގެ އީދަކީ މިހާތަނަށް ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ފޯރިގަދަ އެއް އިވެންޓެވެ. މި ހަރަކާތުގައި ރާއްޖޭގައި އާއްމުކޮށް ނުފެންނަ މޫދު ކުޅިވަރުތައްވެސް ފެނިގެން ދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ނާއިބު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްދާ މޫދު ކުޅިވަރުގެ އީދުގައި ގިނަ ބަޔަކު ބައިވެރިވަމުންދާ ކަމަށާއި، މި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ގިނަ ބަޔަކަށް ދިނުމަކީ މިނިސްޓްރީން އެންމެ ބޭނުންވާ ކަންތައް ކަމަށެވެ.

މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތަކާއެކު ކުރިއަށް ގެންދާ މި އީދުގައި ޖުމްލަ 15 ހަރަކާތެއް އޮންނާނެ އެވެ. ހެނދުނުގެ ބައިގައި ބޮއްކުރާ ދެމުމާއި ފެތުން އަދި ކަޓަމަރާން މުބާރާތެއްވެސް ބާއްވާފައިވެ އެވެ. މީގެ އިތުރުން ފްލައިބޯޑު ބޭނުންކުރުމުގެ ކުޅަދާނަ ހަރަކާތްތަކެއްވެސް ދައްކާލާފައިވެ އެވެ.

މިނިވަން ފަންސާސް މޫދު ކުޅިވަރުގެ އީދު ކުރިއަށް ދަނީ ދެ ނަމްބަރު ފާލަމުން ފެށިގެން ހަތް ނަމްބަރު ފާލަމާއި ދެމެގަ އެވެ. މި ސަރަހައްދުގައި ކުޅިބަލަން އަންނަ މީހުން ތިބުމަށް ސިޑި ބަރިވެސް ބަހައްޓާފައިވެ އެވެ. މޫދު ކުޅިވަރުގެ އީދު ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ އެއް ނަމްބަރު ފާލަން ކުރިމަތީގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ.