ހަބަރު

ފެނަކަ އާއި ސެޓެލްކޯ އަދި އެނާޖީ މިނިސްޓްރީގެ ވެރިން ކޮމެޓީއަށް

މާލޭގައި ފެނާއި ކަރަންޓުގެ ހިދުމަތް ދޭ އަގާއި، އެހެން ރަށްރަށުގައި އެ ހިދުމަތްތައް ދޭ އަގުގައި ބޮޑެތި ތަފާތުތަކެއް ހުރި މައްސަލަ ބަލައި ދިރާސާ ކުރުމަށް ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯ އާއި ފެނަކަ އާއި އެންވަޔަރަންމެންޓް މިނިސްޓްރީގެ އިސް އޮފިޝަލުން ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ނިންމައިފި އެވެ.

ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތް ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ މައްސަލަ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. ނަމަވެސް އެ މައްސަލަ ފާސްވީ ސަރުކާރުގެ މެންބަރުން ހިމެނޭ ގޮތަށް ކޮމިޓީއަށް ހާޒިރުވި ނުވަ މެންބަރުގެ އިއްތިފާގުންނެވެ.

އެ މައްސަލާގައި މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ އާބާދީ ގޮތުން ބޮޑު މާލޭގައި އަގު ހެޔޮކޮށްފައި މަދު ވަސީލަތްތައް ހުރި އަދި އާމްދަނީގެ ގޮތުން ކުޑަ މިންވަރެއް ލިބޭ ރަށްރަށުގައި ބޮޑު އަގެއްގައި އަސާސީ ހިދުމަތް ފޯރުކޮށްދޭތީ ކަންބޮޑުވާ ކަމަށެވެ. އަދި ގާނޫން އަސާސީގައި ހަމަހަމަކަން ގާއިމް ކުރުމަށް ލިޔެފައިވީ ނަމަވެސް އެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ނުކުޅެދިފައިވާ ކަމަށާއި ލޯންގް ޓާމް ސްޓްރެޓަޖީއެއް އެކުލަވާލައިގެން އެ މައްސަލަ ވީހާ ވެސް އަވަހަށް ހައްލު ކުރަން ޖެހޭ ކަމަށެވެ.

"ދައުލަތުގެ ސިޔާސަތައް ބަދަލު ގެނެސްގެން ލޯންގްޓާމް ސްޓްރެޓަޖިކް ޕްލޭނެއްގެ ދަށުން ސަސްޓެއިނަބަލްކޮށް އަދި ކުރިޔަށް އޮތް ތަނުގައި އެތަންތަނަށް ބޭނުންވާ ހިދުމަތްތަކާއި ހޯދަން ޖެހޭ ސާމާނު ހޯދޭނެ ގޮތެއްގެ މަތިން އިންވެސްޓްމަންޓުތަކަށް ވެސް ޖާގަ ލިބޭނެ ގޮތަކަށް ހާއްސަ ދުރު ރާސްތާ ޕްލޭނެއް ހަދައިގެން ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ކަރަންޓާ ބޯފެން އެއް އަގެއްގައި ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ،" ޝަރީފް ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ މާލެއައި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކަރަންޓުގެ އަގުތައް ހުރީ ގިނަ މީހުންނަށް އަތް ނުފޯރާ ހިސާބެއްގައި ކަމަށެވެ. ނަމަވެސް މާލޭގައި ފެން ބިލަށް 500 ރުފިޔާ ދައްކާ މީހެއް އައްޑޫ ސިޓީއަށް ގޮސްފި ނަމަ 1500 ރުފިޔާ ދައްކަން ޖެހޭ ކަމަށާއި އެ ފަރަގު ފިލުވާލަން ޖެހޭ ކަމަށެވެ. އެހެންކަމުން އެންވާރަމަންޓް މިނިސްޓްރީއާއި ފެނަކަ އަދި ސްޓެލްކޯ ހާޒިރުކޮށްގެން އެ މައްސަލަ ބެލުމަށް ރޮޒެއިނާ ހުށަހެޅުއްވި އެވެ.

މި މައްސަލާގައި ސަރުކާރުގެ މެންބަރުންގެ ވިސްނުން ވެސް ހުރީ ދާދި އެއްގޮތަކަށެވެ. ރޮޒެއިނާގެ އެ ހުށަހެޅުމަށް ތާއީދު ކުރައްވާ މެންބަރު ޖައުފަރު ދާއޫދު ވިދާޅުވީ ސަރުކާރުން ތިން އަހަރުގެ ތެރޭގައި ބައިވަރު ރަށްތަކަށް ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދީ ފީތައް ނަގަމުން އަންނަ ކަމަށާއި ނަމަވެސް ގާނޫން އަސާސީގައި ބުނާ ފަދައިން ހަމަހަމަކަން އޮންނަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް މިކަމަށް ހައްލެއް ހޯދަން އެދި ވަޑައިގަންނަވާ ކަމަށެވެ.

"މީގެ ކުރިން ވެސް ކަރަންޓުން ސަރުކާރުން ނަގާ ފީ ވެސް އަތޮޅު ތެރެއާ މާލެއާ ތަފާތު ވެގެން މި ކޮމިޓީގައި ވާހަކަ ދައްކާ ކަމާ ބެހޭ މުއައްސަސާތައް ގެނެސް އެކަންކަން ހައްލު ކުރުމަށް ވަނީ މަސައްކަތްކޮށްފައި، އަދި ސަރުކާރުން ބޮޑު ދިރާސާއެއް ހެދުމަށް ފަހުގައި އެކަމާ ގުޅޭ ގެންނެވި ބަދަލުތައް ވެސް ވަނީ މި ކޮމީޓީއަށް ހިއްސާކޮށްފައި، ހަމައެފަދައިން ފެނުގެ މައްސަލާގައި ވެސް ހައްލެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރަން،" ޖައުފަރު ވިދާޅުވި އެވެ.

ސަރުކާރާއި އިދިކޮޅު މެންބަރުންގެ ވިސްނުން އެއްގޮތަކަށް ހުރުމުން އެ ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ނިންމެވީ ވާހަކަ ދިގު ނުކޮށް ވޯޓް ނަންގަވާށެވެ. އެގޮތުން އެ މައްސަލާގައި ކަމާ ބެހޭ ފަރާތްތައް އަންނަ އަންގާރަ ދުވަހު ހާޒިރު ކުރުމަށް ފާސް ކުރި އެވެ.