ވިޔަފާރި

އުރީދޫ އާންމު ހިއްސާދާރުން ތަމްސީލް ކުރަން ޒުހޫރު

މުއާސަލާތީ ކުންފުނި، އުރީދޫ މޯލްޑިވްސްގެ އާއްމު ހިއްސާދާރުން ތަމްސީލް ކުރާ މެންބަރަކަށް ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމު ފުރުއްވަމުން ގެންދަވާ އަހުމަދު ޒުހޫރު އިންތިހާބު ކޮށްފި އެވެ.

އުރީދޫ އާއްމުން ހިއްސާވާ ކުންފުންޏަކަށްވުމާއެކު ދަރުބާރުގޭގައި ރޭ ބޭއްވި އެ ކުންފުނީގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާގައި އާއްމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. މި ތިން ބޭފުޅުންނަކީ ސްޓެލްކޯގެ ސީއީއޯ ޒުހޫރުގެ އިތުރުން އެލައިޑް އިންޝުއަރެންސުގެ އަޔާދީ ތަކަފުލްގެ ޖީއެމް އިބްރާހިމް ފިރުޝާނާއި ބޭންކް އޮފް މޯލްޑިވްސްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފެވެ.

މި ޖަލްސާގައި ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ ގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޑިރެކްޓަރެއް އައްޔަން ކުރާ ގޮތަށް ކުރިން އޮތް ނަމަވެސް، މައި ކުންފުނީގެ އެދުމާއެކު، އެކަން ވަނީ ޖަލްސާގެ އެޖެންޑާ އިން އުނިކޮށްފަ އެވެ.

އައިޕީއޯ އަށް ފަހު ބޭއްވި ފުރަތަމަ އަހަރީ އެއްވުމުގައި އެ ކުންފުނީގެ 202 ހިއްސާދާރުންނާއި ހިއްސާދާރުން ތަމްސީލް ކުރުމަށް 497 ޕްރޮކްޝީއާއެކު ޖުމްލަ ޖުމުލަ 699 ހިއްސާދާރުން ބައިވެރިވި އެވެ. މި ހިއްސާދާރުން ތަމްސީލް ކުރި ހިއްސާގެ އަދަދު ވަނީ 1.3 މިލިއަނަށް ވުރެ އިތުރެވެ.

މި ޖަލްސާގެ ރިޔާސަތުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ހާލިދު އިބްރާހިމް އަލް މަހުމޫދު އެވެ. މި ޖަލްސާގައި އެ ކުންފުނިން އަންނަ އަހަރުގެ އޮޑިޓު ފާމަކަށް ކޭޕީއެމްޖީ ހޮވި އެވެ. އެ ކުންފުނި ނަގާފައިވަނީ 39،800 ޑޮލަރަށެވެ.

އުރީދޫން އާއްމުންގެ ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ އައިޕީއޯގައި، 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. ގެ މަގުންނެވެ.