ވިޔަފާރި

އުރީދޫ ގްރޫޕުން ރާއްޖޭގައި އިތުރަށް އިންވެސްޓް ކުރަނީ

ގަތަރުގެ އުރީދޫ ގްރޫޕުން ރާއްޖޭގައި އިތުރަށް އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އެކަން އިއުލާން ކުރީ ދަރުބާރުގޭގައި ރޭ ބޭއްވި އުރީދޫގެ ފުރަތަމަ އަހަރީ އާއްމު ޖަލްސާގަ އެވެ. އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ހާލިދު އިބްރާހިމް އަލް މަހުމޫދު ރޭ ވިދާޅުވީ އެ ކުންފުނިން ރާއްޖޭގައި އިތުރަށް އިންވެސްޓް ކުރާނެ ކަމަށައި ރާއްޖެއިން ރަނގަޅު ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އުރީދޫން ގެންނަ ޑިޖިޓަލް ތަޖުރިބާތައް ހުރިހާ ދިވެހިންނަށް ވެސް ކަމު ގޮސްފައިވާ ކަމަށާއި އެހެންވެ، ޑިޖިޓަލް ރާއްޖެއަކަށް ބޭނުންވާނެ ކަން ކަމަށް އެ ކުންފުނިން އިތުރަށް އިންވެސްޓް ކުރާނެ ކަމަށެވެ.

"އެކަމަށް ހުއްޓުމެއް ނެތި އިންވެސްޓް ކުރަމުން ގެންދާނަން. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުން ތަކެއް ވެސް ފެނިގެންދާނެ،" އުރީދޫ ގްރޫޕުގެ، ކުދި އަދި މެދުފަންތީގެ ވިޔަފާރި ޔުނިޓުގެ ސީއޯގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ހާލިދު ވިދާޅުވި އެވެ.

ހުއްޓުމެއް ނެތި އިންވެސްޓް ކުރަމުން ގެންދާނަން. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އިތުރު ކުރިއެރުން ތަކެއް ވެސް ފެނިގެންދާނެ،
ހާލިދު އިބްރާހިމް އަލް މަހުމޫދު | އުރީދޫ މޯލްޑިވްސްގެ ޗެއާމަން

އުރީދޫގެ މިދިޔަ އަހަރުގެ މާލީ ރިޕޯޓު އިއްވަމުން ސީއީއޯ ނަޖީބު ހާން ވިދާޅުވީ މިދިޔަ އަހަރު އެ ކުންފުނިން ރާއްޖޭގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށާ ކަސްޓަމަރުންގެ އަދަދަށް އެކަނި ބަލާނަމަ ވެސް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

"ރެވެނިއު [އާމްދަނީ] ވަނީ 36 ޕަސެންޓް އިތުރުވެފައި. އަދި ސާފު [ފައިދާ] ތިން އަހަރު ތެރޭގައި ވަރަށް ބޮޑުތަން ވަނީ އިތުރުވެފައި،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫން ރާއްޖޭގައި ޓެލެކޮމް ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. އެ ކުންފުނިން ހިދުމަތް ފެށުމާއެކު މުއާސަލާތީ ހިދުމަތައް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.