ފިނިޕޭޖް

ސަޓާ އެވޯޑްސްގެ ފޯރި ހިއްޕާލަން 1438

Oct 2, 2017
1

ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) މި އަހަރު އައްޑޫގައި އޮންނައިރު އެ އެވޯޑް ވެގެންދާނީ ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް އެވޯޑްތަކެއް ދޫކޮށްލާ ހަފްލާއަކަށް ނޫނެވެ. ހައިރައިޒް އިން އިންތިޒާމް ކުރާ އެ އިވެންޓަކީ މުނިފޫހި ފިލުވައިދޭ ހަރަކާތްތަކެއްވެސް ފެނިގެންދާނެ ހަފްލާ އެކެވެ. ރާއްޖޭގެ ރީތިކަން އިޝްތިހާރު ވެގެންދާ އެ ހަފްލާގައި ރާއްޖޭގެ ސަގާފަތްވެސް ކޮންމެވެސް ވަރަކަށް ދައްކާލަން ވަނީ ނިންމާފަ އެވެ.

އެ ގޮތުން އެ ހަފްލާގައި ރާއްޖޭގައި މިހާރު އެންމެ ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ ސާދަ ތިރީސް އަށެއް ބޮޑުބެރު ގްރޫޕުން ޕާފޯމްކުރަން މިވަނީ ހަމަޖައްސާފަ އެވެ. އެ ހަފްލާގައި އެ ގްރޫޕުން ޕާފޯމްކުރަން ހަމަޖައްސާ މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ހައިރައިޒްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން އެވެ. އަދި 1438ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެނޭޖަރު މުހައްމަދު ސައިފް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން ޝާމިން ވިދަޅުވީ ކުރިއަރަމުން އަންނަ ސަގާފީ މިއުޒިކް ގްރޫޕްތަކަށް ފުރުސަތު ދިނުމަކީ ހައިރައިޒް އިން އަބަދުވެސް އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މި ފުރުސަތުގެ ސަބަބުން 1438 ބޮޑުބެރު ގްރޫޕަކަށް ރާއްޖޭގެ ބޮޑުބެރުގައި އިތުރު ހަރުފަތަކަށް ދެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސައިފް ބުނީ ސަޓާ އެވޯޑްސް އަކީ ބައިނަލްއަގްވާމީ ހަފްލާއަކަށް ވެފައި އެފަދަ އިވެންޓެއްގައި ޕާފޯމްކުރަން ލިބުމަކީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ސާދަތިރީސްއަށެއް ބޮޑުބެރު ގްރޫޕަކީ ބޮޑުބެރު އަދި މިއުޒިކްގެ ދާއިރާއަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުން އަންނަ ގްރޫޕެކެވެ. އެ ގްރޫޕްގެ ދަށުން ޑާންސް ގްރޫޕަކާއި މިއުޒިކް ބޭންޑުތައްވެސް ހިންގަ އެވެ.