ހަބަރު

މުޒާހަރާތައް ކުރަނީ އަދާލަތު އިސްވެ އޮވެ ކަމަށް އެޕާޓީން ވަނީ ބުނެފައި: ޕޮލިސް

Apr 24, 2015
1

މާލޭގައި ސިލްސިލާ ގޮތެއްގައި ކުރިޔަށްދާ އެއްވުންތަކާ އެއްވެސް ސިޔާސީ ޕާޓީއަކުން ހަވާލު ނުވި ކަމަށް ފުލުހުން ބުނެފައި ވަނިކޮށް އެ އެއްވުންތަކުގައި އިސް ނަގައިގެން އުޅެނީ އަދާލަތުން ކަމަށް އެޕާޓީން ބުނެފި އެވެ.

އަދާލަތުން އެހެން ބުނެފައިވާ ކަމަށް ބުނީ ފުލުހުންނެވެ. ފުލުހުން ބުނީ އަދާލަތުން އެހެން ބުނީ އެއްވުންތަކާ ގުޅިގެން ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދަން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރަން ކުރިޔަށް ގެންދާ ބައްދަލުވުންތަކުގައި އިއްޔެ އަދާލަތާ ބައްދަލު ކުރުމުން ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ އޮތް އެބައްދަލުވުމުގައި "އަނިޔާވެރިކަމާ ދެކޮޅަށް" ކަމަށް ބުނެ  މާލެއާ ރަށްރަށުގައި ފަށާފައިވާ ހަރަކާތްތަކަކީ އަދާލަތު ޕާޓީން އިސްނަގައި އެމްޑީޕީ އާއި މަދަނީ އިއްތިހާދާއި ސިޔާސީ އެހެން ބައެއް ޕާޓީތަކުގެ ވަކިވަކި މެމްބަރުންގެ ފަރުދީ އެހީތެރިކަމާއެކު ހިންގާ ޙަރަކާތްތެއްކަމަށް އަދާލަތުން ބުނި ކަމަށެވެ. އަދި އެ ހަރަކާތްތަކުގައި އަދާލަތާއި އެމްޑީޕީ އާއި ޖޭޕީގެ އިސް ސަފުގައި ޙަރަކާތްތެރިވާ ބައެއް މެމްބަރުންނާ އެހެނިހެން ސިޔާސީ ބައެއް ޕާޓީތަކުގެ މެމްބަރުންގެ ބައިވެރިވުން އޮތް ކަމަށް ވެސް ބުނި ކަމަށެވެ.

މިބައްދަލުވުމުގައި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ މާލޭގައި ސިލްސިލާ ގޮތެއްގައި މިހާރު ކުރިޔަށްދާ އެއްވުންތަކުގެ ސަބަބުން ޢާއްމު ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. މީގެ އިތުރުން ސްކޫލުތަކުގެ ދަރިވަރުންނަށާ ވިޔަފާރި ކުރާ ފަރާތްތަކަށާއި ދުވަސްވީ މީހުންނަށްވެސް ބޮޑެތި ދަތިތައް ފޯރައި އޭގެ ސަބަބުން ޢާއްމު ދިރިއުޅުމަށް އަސަރު ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ސިލްސިލާ ގޮތެއްގައި މާލޭގައި މިހާރު ބާއްވާ އެއްވުންތަކަކީ އާއްމު މަޞްލަހަތަށް އެކަމުގެ ނުރަނގަޅު އަސަރުކޮށް ޤާނޫނުގައި ދީފައިވާ ރައްކާތެރިކަމަށް ހުރަސްތައް ކުރިމަތިވާ އެއްވުންތަކެއް ކަމަށްވެސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.