ހަބަރު

"ޕީޕީއެމްގެ އެތެރޭގެ ޑިމޮކްރަސީގެ ހަރުދަނާ މިންވަރު ކަށަވަރުވެއްޖެ"

Apr 24, 2015
1

ޕީޕީއެމްގެ ދިއްގަރު ދާއިރާގެ ޕްރައިމަރީ ކުރިއަށް ދިޔަގޮތް އޮމާންކަމުން ދޭހަކޮށްދެނީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ ވެފައިވާ މިންވަރު ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގެ ކަންކަން ކުރިއަށް ދާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕްރައިމަރީގައި އެއްކޮޅުން ވާދަ ކުރައްވާ ބޭފުޅަކީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލެއް ކަމަށެވެ. ނަމަވެސް އިންތިހާބަށް ނުފޫޒު ފޯރުވަން އެމަނިކުފާނު ވެސް މަސައްކަތް ނުކުރެއްވުމާއި ދެން އަނެއްކޮޅުން ވާދަ ކުރައްވާ މ. އަތޮޅު ކައުންސިލްގެ ރައީސްއަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ލިބިގެން ދިޔުމަކީ ޕާޓީގެ ތެރޭގައި ޑިމޮކްރަސީއޮތް ވަރު ހާމަވާ ކަމެއް ކަމަށެވެ.

"އެއްވެސް މައްސަލައެއް ނެތި އޮމާންކޮށް މިދަނީ. ދެބޭފުޅުންނަށް ވެސް ހަމަހަމަ ފުރުސަތު ދީގެން އެއްވެސް މައްސަލައެއް ނެތި މިދަނީ. އެހެން ވީމާ މީގެން މި ދައްކައިދެނީ ޕީޕީއެމްގެ އެތެރޭގައި ޑިމޮކްރަސީ ހަރުދަނާވެފައިވާ މިންވަރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިމޮކްރަސީގެ ކަންކަމުގައި އެހެން ސިޔާސީ ޕާޓީތަކުން ޕީޕީއެމް ނަމޫނާއަކަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ފޯރިގަދަ ޕްރައިމަރީއެއް ބާއްވައި، އެ ޕްރައިމަރީގައި ވާދަކޮށް ބަލިވެ ކެންޑިޑޭޓް ވެސް ރައީސާއެކު މި ސަރުކާރަށް ހިދުމަތް ކުރުމުގައި ހުންނެވުމުން ޕާޓީގެ އެތެރޭގައި ޑިމޮކްރަސީ އޮތްލެން ފުރިހަމަކަން ދައްކައިދޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެހެން ޕާޓީތަކުން އަޅުގަނޑުމެން ނަމޫނާއަކަށް ބަލައިގެން ހިންގަވާށޭ. ކޮންމެ ކަމެއް ވެސް ޑިމޮކްރަސީގެ ހަމަތަކުން މި ޕާޓީ އިން ކުރިއަށް މި ގެންދަނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ދިއްގަރު ދާއިރާގެ ބައި-އިލެކްޝަންފައި ވޯޓްލާން 422 މީހަކު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. މި އިންތިހާބުގައި ވޯޓުލާން ގިނަ ބަޔަކު ނިކުންނަމުން އަންނަ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.