ދުނިޔެ

ޗޮކްލެޓާއި ގަޑީގެ ސުވަރުގެ: އެންމެ އުފަލުގައި އޮތް ގައުމު

މި ލިސްޓަކަށް އަހަރެމެންގެ ގައުމެއް ނާރަ އެވެ. ހިތްހަމަޖެހިގެން އެންމެ އުފަލުގައި ދިރިއުޅޭ މީހުންގެ އާބާދީ އެންމެ ބޮޑީ ޗޮކްލެޓާއި ގަޑީގެ ސުވަރުގެ ގޮތުގައި މަޝްހޫރުވެފައިވާ ސްވިޓްޒަލެންޑެވެ.

މިއީ ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ސޮލިއުޝަންސް ނެޓްވޯކް އިން ކޮންމެ އަހަރަކު އެކުލަވައިލާ "ވޯލްޑް ހެޕިނެސް" ރިޕޯޓްގެ މި ލިސްޓްގެ އެއް ވަނަ ސްވިޓްޒަލެންޑުން ގެންދިޔަ ތިން ވަނަ ފަހަރެވެ. އެހެންވީމަ އުފާވެގެން ގޮސް މި ގައުމުން ހެޓްރިކް ހެދީއެއް ނޫން ހެއްޔެވެ؟

އުފާވެރިކަމަށް ޖެހި ރޭހުގެ ފޯރި މިފަހަރު ވަރަށް ވެސް ގަދަ އެވެ. ލިސްޓުގެ ދެ ވަނާގައި ހެވި ދިލިފައި އޮތް އައިސްލޭންޑް އޮތީ ސްވިޓްޒަލެންޑާ ހަމަ ވިއްދައިގެންނެވެ. ދެން އެންމެ އުފަލުގައި މި އުޅެނީ ޑެންމާކާއި ނޯވޭ އާއި ކެނެޑާ އެވެ.

މިއީ "ވޯލްޑް ހެޕިނެސް" ލިސްޓްގެ ގަދަ ފަސް ގައުމެވެ.

މި ރިޕޯޓްގައި 158 ގައުމެއް ލިސްޓަކަށް ތަރުތީބުކޮށްފައިވާއިރު ހިތާމައިގެ ކޮޅެއް ނެތީ ޓޯގޯގަ އެވެ. އެގައުމު ފަހަތުން ހިތާމައިގެ ލިސްޓުގެ ދެ ވަނަ ބުރުންޑީއަށް ލިބުނުއިރު ހަނގުރާމާއިގެ ސަބަނުން ސުންނާފަތިވަމުންދާ ސީރިއާ އޮތީ ތިން ވަނައިގަ އެވެ.

އުފާވެރިކަމެއް ނެތް އެހެން ގައުމުތަކަށް ބަލާއިރު ބެނިން އާއި ރުވާންޑާ މި އޮތީ ސީރިއާގެ ފަހަތުގަ އެވެ.

މި ލިސްޓް ތަރުތީބު ކުރަނީ ބޮލަކަށް ޖެހޭ މިންވަރާއި އާންމުންގެ ލައިފްސްޓައިލާއި ސިއްހަތު އަދި ކޮރަޕްޝަނާއި އިޖުތިމާއީ މިނިވަންކަން ފަދަ އެކި މައްސަލަތަކާ ގުޅޭ ގޮތުން ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކެއްގެ މައްޗަށް ބަލައިގެންނެވެ.