ހަބަރު

އިސްލާމިކް ފައިނޭންސްގެ އެންމެ ނުފޫޒުގަދަ ބޭފުޅުން ތެރޭގައި މުނީޒާ!

ދުނިޔެއިން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އެންމެ ނުފޫޒު ގަދަ 50 އަންހެނުންގެ ތެރޭގައި ޑރ އައިޝަތު މުނީޒާ ހިމެނިއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގެ އިސްލާމިކް ފައިނޭންސް ދާއިރާ ދިރާސާކުރާ އިސްލާމިކް ފައިނޭންސް ރިވިއުއިން މިދިޔަ މަހު ނެރުނު އަދަދުގައި ހިމަނާފައިވާ މި ލިސްޓުގައި މުނީޒާ ހިމެނެނީ ހަތް ވަނާގަ އެވެ. މިއީ އެ ލިސްޓުގައި ދިވެހި އަންހެނަކު ހިމެނުން ފުރަތަމަ ފަހަރެވެ. އެ ލިސްޓުގައި ރާއްޖެއާއެކު އިތުރު 15 ގައުމެއްގައި އިސްލާމިކް ބޭންކިން އާއި ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުން ހިމެނިފައިވެ އެވެ.

އިސްލާމިކް ފައިނޭންސްގައި ދުނިޔެއިން ހަތްވަނަ އަށް އެންމެ ނުފޫޒު ގަދަ މީހުންގެ ލިސްޓުގައި މުނީޒާ ހިމެނުން އިރު އެކަމަނާ ވަނީ "އިސްލާމިކާ 500" ގެ ނަމުގައި ކޮންމެ އަހަރަކުވެސް ނެރޭ ބިޒްނަސް ގައިޑުން މިއަހަރު ހޮވި އިސްލާމީ ދުނިޔޭގެ އިގްތިސާދުތަކުގައި އެންމެ ނުފޫޒުގަދަ 500 ބޭފުޅުންގެ ތެރޭގައިވެސް އެކަމަނާވަނީ ހިމެނިފައެވެ. އަދި މިދިޔަ އޮގަސްޓް މަހު އޭއައިބީޓީއެސް އިނޮވޭޝަންސް އެވޯޑުގައި އަޕްކަމިންގް ޕާސަލަނަލިޓީ އިން އިސްލާމިކް ފައިނޭންސް އެވޯޑުވެސް މުނީޒާއަށް ލިބިލައްވާފައިވެ އެވެ.

މުނީޒާ ވަނީ ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓްގެ ގާނޫނީ އޮނިގަނޑު އެކުލަވާލައްވާ ރާއްޖޭގައި ސުކޫކް މާކެޓެއް ގާއިމްވެ ކުރުމުގެ އަމަލީ މަސައްކަތް ކުރައްވާފައިވާފަ އެވެ. އަދި ރާއްޖެ އަށް ހާއްސަ ޝަރީއާ ސްކްރީނިންގް މެތޮޑޮލޮޖީއެއް އެކުލަވާލާ ދިވެހި ގާނޫނީ އަދި މާލީ އޮނިގަނޑަށް ފެތޭ ސުލޫކް އޮނިގަނޑެއް އެކަމަނާ ފަރުމާ ކޮށްދެއްވި އެވެ.

ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން އިސްލާމިކް ފައިނޭންސްގެ މަސައްކަތްތައް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މުނީޒާ ވަނީ އެޗްޑީއެފްސީ އަމްނާ، އަޔާދީ ތަކާފުލް އަދި އެލިއާ އެޗްޑީސީ ފަދަ ކުންފުނިތަކުން ދޫކުރާ އިސްލާމީ މާލީ ޕްރޮޑަކްޓުތައް ފަރުމާ ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފަ އެވެ. އަދި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ އުފެއްދުމަށްޓަކާ އެކުލަވާލި ފުރަތަމަ ސްޓެރެޓިޖިކް ޕްލޭންގެ ދެލި ކޮޕީ އެކަމަނާ އެކުލަވާ ލައްވާފައިވާއިރު، އިސްލާމިކް ފައިނޭންސް އާއި ގުޅޭ ގޮތުން ދުނިޔޭގެ އެތައް ގައުމެއްގައި ތަގުރީރު ކުރައްވާ ސަތޭކަ އެތައް ލިޔުމެއް މުނީޒާ ވަނީ ޝާއިއު ކުރައްވާފަ އެވެ.