ހަބަރު

ގަވައިދަށް ބަދަލު ގެންނަން އެޖެންޑާކޮށް، މާދަމާ މަޖިލީސް ފަށަނީ

ރައްޔިތުން މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާނެ އެވެ.

މަޖިލީހުގައި މާދަމާއަށް ތާވަލުކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދައަށް އިސްލާހު ގެނައުމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހުށަހަޅާފައިވާ އިސްލާހު އާންމު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓެވެ. އިތުރު މަސައްކަތެއް މާދަމާއަށް އެޖެންޑާކޮށްފައެއް ނުވެ އެވެ.

ގަވައިދުގެ 207 ވަނަ މާއްދާއަކީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި އެހެން ގައުމުތަކުގެ މަޖިލީސްތަކާ އެކުވެރިކަން ގާއިމް ކުރުމުގެ ވާހަކަ ބަޔާން ކުރާ މާއްދާއެވެ. އެ މައްސަލަ އާންމު ކޮމިޓީން ދިރާސާ ކުރެއްވުމަށް ފަހު ވަނީ ތިން ދެ އަކުރެއް އިތުރުކޮށްފަ އެވެ.

ޖަލްސާތައް މާދަމާ ފަށަން ނިންމާފައިވާ އިރު ދެވަނަ ދައުރުގައި ފަހުން ހިނގި އެއްވެސް ޖަލްސާއެއް ކުރިޔަށް ގެންދިޔުމަކަށް އިދިކޮޅު ފަރާތްތަކުން ފުރުސަތެއް ނުދެ އެވެ. އިދިކޮޅު ފަރާތްތަކުގެ އިހުތިޖާޖާ ހެދި މަޖިލީސް ހިނގީ ޗެމްބަރު ތެރޭގައި ސިފައިން ހަރަކާތްތެރިވާން ޖެހުނެވެ.

އޭގެ ފަހުން މަޖިލީހުގެ ރިޔާސަތު އުސްކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މަޖިލީހުގެ ޗެމްބަރު ތެރޭގައި މަރާމާތެއް ކުރިޔަށް ދާ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ރިޔާސަތު އުސް ކުރާ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ރިޔާސަތު އުސް ކުރިޔަސް ޖަލްސާތައް ކުރިޔަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށެވެ.