ހަބަރު

ވީނުވީއެއް ނޭނގި ޖަލްސާއަށް 13 މިނެޓް

Oct 9, 2017
5

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ޗުއްޓީއަށް ފަހު މިއަދު ހެނދުނު 9:00 ގައި ފެށިއިރު، މިއަދުގެ ކުރު ޖަލްސާ ވެސް ކުރިއަށް އިދިކޮޅު މެންބަރުންގެ އިހުތިޖާޖާ ހެދި މާ ރަނގަޅަށް ކުރިއަށް ގެންދެވޭ ގޮތް ނުވެއްޖެ އެވެ.

ޖަލްސާއަށް އިދިކޮޅު މެންބަރުން ހެނދުނު 8:30 އެހާ އިރު އައި ނަމަވެސް ޗެމްބަރު ތަޅުލާފައި ހުރުމުން ޗެމްބަރަށް ވަދެވޭ ގޮތެއް ނުވި އެވެ. މެންބަރުން އިހުތިޖާޖުގައި ތިއްބާ މަޖިލީހުގެ ސެކިއުރީޓީންގެ ގޮތުގައި ތިބޭ ސިފައިން ވަނީ ޗެމްބަރުގެ ދޮރު ހުޅުވައިދީފަ އެވެ. އޭރުވެސް އިދިކޮޅު މެންބަރުން ގެންދިޔައީ މަޖިލީހުގެ ރައީސްގެ ގޮތުގައި މަސީހު ހުންނެވުމުން އިހުތިޖާޖު ކުރަމުން އެވެ.

އެއާ އެކު އިދިކޮޅު މެންބަރުން ޗެމްބަރުގެ ތެރެއަށް ވަދެ ހަޅޭއްލަވާ އަޑު ގަދަކުރަން ފެށުމުން ކިޔާ ނުކިޔާއެއް ނޭނގެ އެވެ. އޭރުވެސް މަސީހު ރިޔާސަތުގެ ގޮޑީގައި އިންނެވި އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި އަމީންއާންމު ކޮޅަށް ހުރެ ކޮންމެވެސް އެއްޗެއް ކީތާ 13 ވަރަކަށް މިނެޓްގެ ތެރޭގައި ޖަލްސާ ހުއްޓާލި އެވެ. ކޮންމެވެސް މައްސަލައަކަށް ވޯޓަށް އެހިހެން ވެސް ހީވެ އެވެ. އެހެން ނަމަވެސް ވޯޓަށް އެހީ ކޮން މައްސަލައަކަށް ކަމެއް ލިބުނު ވޯޓްގެ އަދަދެއް ވެސް ސާފެއް ނުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރުކޮށް.

އިދިކޮޅު މެންބަރުން ގޮވާލަމުން ގެންދިޔައީ މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ގިނަ މެންބަރުން ސޮއިކޮށް މައްސަލައެއް ލާފައިވާތީ އެ މައްސަލަ އެޖެންޑާނުކޮށް މަޖިލިސް ކުރިއަށް ނުގެންދިޔުމަށެވެ. މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓް އެޖެންޑާ ނުކުރަނިސް މަޖިލީހުގެ ޖަލްސާތައް ދެން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުން އެވެ.

މަޖިލީހުގެ ރިޔާސަތު ވަަށައިގެން، ލަކުޑިން އުސް "ފާރެއް" ޖަހައި ރިޔާސަތު ވަނީ އުސްކޮށްފަ އެވެ. އެހެން ނަމަވެސް އިދިކޮޅު މެންބަރުން މިއަދު ގެންދެވީ އެ "ފާރު" ކައިރީގައި ގޮޑި ބަހައްޓައިގެން އިހުތިޖާޖު ކުރަމުން އެވެ. ރިޔާސަތަށް ހުރަސް އަޅަން މެންބަރުން މަސައްކަތް ކުރެއްވި އެވެ.