ދިވެހި ސިނަމާ

"އެންމެ ފަހު ވިންދާ ޖެހެން ދެން" ހޯދި ކާމިޔާބީގެ ސިއްރަކީ ކޮބާ؟

"އެއީ ކޮބައިކަމެއް ނޭނގޭ ބުނެދޭކަށް. ފިލްމުގެ ކާމިޔާބީގެ ސިއްރު ހޯދަން ދިރާސާކުރަމުން މި ދަނީ. ފިލްމު ބަލަން ދާ އަދި ފިލްމު ބެލި މީހުންނާ ވެސް ސުވާލުކުރަމުން މި ދަނީ،" އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ދެއްކުމަށް ފަހު ވަދާއީ ޝޯތަކަށް ޓިކެޓް ވިއްކަމުން އަންނަ ދިވެހި ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ޕްރޮޑިއުސަރު މުހައްމަދު އަލީ އޭނާގެ ފިލްމުގެ ކާމިޔާބީއާ ބެހޭ ގޮތުން ބުނީ މިހެންނެވެ.

އިތުރަށް އޭނާ ބުނީ ފިލްމުގެ ވިޔަފާރި ކުރިއަށް ދިޔައީ ވަރަށް ވެސް ހިތްހަމަޖެހޭ ފެންވަރެއްގައި ކަމަށާއި ފިލްމު ބެލި މީހުންނަށް ފިލްމު ކަމުދިއުމަކީ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.

ނަމަވެސް އޭނާ ބުނަނީ ފިލްމުގެ ދެއްކި 15 ޝޯ ހައުސްފުލް ވުމަށް ވުރެ ބޮޑު އުފަލެއް ލިބުނީ ފިލްމު ބަލަން ދިޔަ އޯޑިއެންސް ފެނިގެން ކަމަށެވެ. ޕްރޮޑިއުސަރު ބުނީ މި ފިލްމަކީ މުޅިން ތަފާތު އޯޑިއެންސެއްގެ ތަޖުރިބާކުރެވުނު ފިލްމެއް ކަމަށެވެ.

"އާންމުކޮށް މި ދައްކާ ދިވެހި ފިލްމު ބަލަން ލަދުން އުޅޭ ޒުވާނުން ވެސް މި ފިލްމު ބަލަން އައި. ކުރިން ހީކުރެވިފައި އޮތީ މިކަހަލަ އޯޑިއެންސެއް ލިބޭނީ އާޓް ފިލްމު އުފައްދައިގެންނޭ،" މުހައްމަދު އަލީ ބުންޏެވެ.

ނަމަވެސް އޭނާގެ ފިލްމު "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ އާޓް ހައުސް އުފެއްދުމެއް ނޫނެވެ. އެންމެފަހުން އޭނާ ގެނެސްދިން "ހުޅުދާން" ގެ ސިފަ އާއި ރަހަ ޖެހިފައިވާ ފިލްމެއް ނޫނެވެ. 

"އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ ޒުވާން އޯޑިއެންސަކަށް އަމާޒުކޮށްގެން އުފައްދާފައި އޮތް "މޮޑާން ލަވް ސްޓޯރީ" އެކެވެ. ނުވަތަ ލޯބީގެ މުސްކުޅި ވާހަކަ އެއްގައި ޒަމާނީ ކުލަ ޖައްސާފައި އޮތް ފިލްމެކެވެ.

އެކަމަކު މި ފިލްމަށް ތައުރީފުކޮށް ފާޑުކިޔައި މި ފިލްމަށް ދިވެހި ޒުވާނުންގެ ތެރެއިން ގިނަ ބައެއްގެ ހިތް ބަންޑުންވި ސަބަބު ކިޔައިދޭކަށް އަޅުގަނޑަކަށް ވެސް ނޭނގެ އެވެ. ކަން ދިމާކުރި ގޮތުން ފިލްމު ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް މިފަހަރު ނުލިބުނީމަ އެވެ.

އެހެންވީމަ ދެން މި އޮތީ ފިލްމާ ބެހޭ ގޮތުން އޭގެ ސްކްރީންރައިޓަރު މަހުދީ އަހުމަދު ދެއްކި ވާހަކަ އެކެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމުގެ ވާހަކައަކަށް ބޮޑެތި އުނިއިތުރުތަކެއް ގެނެސްގެން މަހުދީ އެކުލަވާލާފައިވާ މި ފިލްމުގެ ކާމިޔާބީގެ ސިއްރުގެ ގޮތުގައި އޭނާ ސިފަކުރަނީ "ލޯތްބެވެ."

"މި ފިލްމުގެ ޕްލޮޓް އެނބުރެމުން ދަނީ މުސްކުޅިވުމެއް، ފަނޑުވުމެއް ނެތް ކުލައެއްގެ ތެރޭގައި. އެއީ ލޯބީގެ ކުލަ،" މަހުދީ ބުނީ މިހެންނެވެ.

ފިލްމުގެ ސްކްރީންރައިޓަރު މިހެން ބުންޏަސް "އެންމެ ފަހު ވިންދާ ޖެހެން ދެން" އަށް ލިބެމުން ދަނީ ދިވެހިން އުފައްދާ ލޯބީގެ އެހެން ފިލްމުތަކަށް ލިބޭ ކަހަލަ ތަރުހީބެއް ނޫނެވެ. ދިވެހި ސިނަމާ އަކީ ލޯބީގެ ހުރިހާ ކުލައަކާއި ރަހަ އަށް މަޝްހޫރު ސިނަމާއެކެވެ.

އެހެންވީމަ "އެންމެ ފަހު ވިންދާ ޖެހެންދެން" ގައި އޮތް ތަފާތަކީ ކޮބައި ހެއްޔެވެ؟

"މި ފިލްމުގައި ލޯބީގެ ވާހަކަ އެ ވަނީ ކޮމެޑީ އާއި ޓްރެޖެޑީއާ އެއްކޮށްލާފައި. ފިލްމުގެ ކާމިޔާބީގެ އަނެއް ސިއްރެއް ކަމަށް ގަބޫލުކުރެވެނީ މުޅި ފިލްމަށް ވެސް ނަގާފައިވާ ޒުވާން ކާސްޓް. މީގެ އިތުރުން ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ދެ ތަރިންގެ ކެމިސްޓްރީ އޮން ސްކްރީންގައި ދިމާވުމާއި ފިލްމުގެ ހިތްގައިމު މިއުޒިކާއި ލަވަތަކަކީ ވެސް ކާމިޔާބީގެ ސަބަބުތައް،" މަހުދީ ބުންޏެވެ.

މި މޭރުމުން ކިޔައިދެމުން ގޮސް ފިލްމުގެ މުޅި ޓީމް މަސައްކަތަށް އޭނާގެ ތައުރީފު އޮއްސީ އެވެ. އޭނާ ބުނީ ފިލްމެއް ނަމަ ގޯސް ކަންތަކެއް ވެސް ހުންނާނެ ކަމަށާއި ނަމަވެސް "އެންމެ ފަހު ވިންދާ ޖެހެންދެން" އަކީ ރަނގަޅު މަސައްކަތެއް ކަމަށް ނިންމޭ ވަރުގެ ފިލްމެއް ކަމަށެވެ. 

ފިލްމު ބެލި ގިނަ މީހުންގެ ހިޔާލުގައި މި ފިލްމުގެ ފެންވަރު ދިވެހި އެހެން ފިލްމުތަކަށް ވުރެ ހާސްބައި ތަފާތެވެ. އޭގެ ސިއްރަކީ ފިލްމު އުފެއްދި މުހައްމަދު އަލީގެ ކުޑަ ސްޓޫޑިއޯ ޑާކް ރެއިން އެންޓަޓެއިންމަންޓް ކަމަށެވެ.

ފިލްމުގެ ޑައިރެކްޓަރު އަލީ ޝިފާއު އާއި ކެމެރާމަންގެ މަސައްކަތަށް ވެސް ބެލުންތެރިން ދަނީ ތައުރީފު އޮއްސަމުންނެވެ.

އެހެންވީމަ ފިލްމަށް އެންމެން އޮއްސަމުން މިދާ ތައުރީފެއްގައި ހުރި ފޮނިކަމެއް ލޮލުން ބެލުމަށް ވަދާއީ ޝޯގެ ޓިކެޓްގަނޑެއް ހޯދަންވީ ނޫން ހެއްޔެވެ؟ ފިލްމު ބެލި މީހުން އަލުން ޓިކެޓް ގަންނަން ވިއްދާލާފައި ވުމަކީ ވެސް ފިލްމުގެ ފޯރިގަދަކޮށްލާފައި އޮތް ކަމެކެވެ.