ހަބަރު

ސިފައިންނަށް ވޯޓު ނުލެވޭ އިސްލާހާއި މުހިންމު ބިލުތަކެއް މި ދައުރުގައި!

ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެނައުން ހިމެނޭ ގޮތަށް މުހިންމު އެހެން ބިލުތަކެއްގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރުމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުންް ނިންމައިފި އެވެ.

"އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ މި ދައުތު ތެރޭގައި ބޮޑެތި ބިލުތަކެއް ފާސްކޮށް މުހިންމު އިސްލާހުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އެގޮތުން 12 ވަރަކަށް ބިލުތަކުގެ މަސައްކަތް ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި ޖިނާއީ އިޖުރާތުގެ ގާނޫން އިސްލާހު ކުރުމާއި ކޯޓުތަކުގެ ގާނޫން އިސްލާހު ކުރުމާއި ސިފައިންނަށް ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫން އިސްލާހު ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލާ "މީޑިއާ ކޮމިޝަން"އެއް އުފެއްދުމުގެ މަސައްކަތް ވެސް މި ދައުރު ތެރޭގައި ކުރާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"ފަހަރެއްގައި ސަޕްލިމެންޓަރީ ބަޖެޓެއްގެ މަސައްކަތް ވެސް މި ދައުރުގެ ތެރޭގައި ކުރަން ޖެހިދާނެ، އެއީ މިދިޔަ އަހަރުގެ ބަޖެޓުގެ މަސައްކަތް ނިންމި އިރު ބައެއް ކަހަލަ މަސައްކަތްތައް ނިމެމުންދާ މިންވަރަކުން ކުރިޔަށް ދާނެ ގޮތަކާ ބެހޭ ގޮތުން ވާނެ މަޝްވަރާކޮށްފައި، ނަަމަވެސް މުޅިއަކުން އަދި އެކަން ފައިނަލްއެއް ނުވޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން މިހެން ވިދާޅުވި ނަމަވެސް އަވަސްއާ ވާހަކަދެއްކެވި އެހެން މެންބަރަކު ވިދާޅުވީ މި ދައުރުގެ ތެރޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ވެސް އިސްލާހު ގެންނާނެ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތަށް ވެސް އިސްލާހެއް ގެންނަން ނިންމާފައިވާ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މަޖިލީހުގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހޭ ކަމެއް ހިނގާތީ، އިހުތިޖާޖު ކުރަމުން ދިޔަ ނަމަވެސް އެއްވެސް މަސައްކަތެއް ނުހުއްޓުވޭނެ ކަމަށެވެ. ނަމަވެސް ތަޅުމުގެ ބޭރުން ވަކިވަކި މެންބަރުންނާ ދިމާ ކުރުމާއި ކޮމިޓީތަކުގެ މަސައްކަތަށް ހުރަސް ނޭޅުމަށް ނިހާން ގޮވާލި އެވެ.

"ޑިމޮކްރަޓިކް ވެއްޓެއްގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އެބައޮތް، ރިޔާސަތާ ދޭތެރޭގައި އޮތް ހިތްހަމަ ނުޖެހުމެއް ވެސް ފާޅު ކުރަންވީ، އެކަމަކު އަޅުގަނޑުމެން މިހާރު ރިޔާސަތުން ދައްކާ ވާހަކަ އަޑުއަހަން ޖެހެނީ ޑިވައިސް މެދުވެރިކޮށް ކަންފަތަށް ހެޑްސެޓު ޖަހާގެން އިނދެ، އެއީ އަޑު ގަދަ ކުރާ ވަރުން ރިޔާސަތުން ދައްކާ ވާހަކަތައް ވެރިފައި ކުރަން ކުރަން ޖެހޭ ކަންކަން، އެހެން ނަމަވެސް އެވެސް ފުދޭ، ކިތަންމެ ވަރަކަށް އަޑުގަދަ ކުރިނަމަވެސް މަޖިލީސް ހިނގާނެ،" ނިހާން ވިދާޅުވި އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ފަށާފައިވާ އިރު އިދިކޮޅުން އިހުތިޖާޖު ކުރާތީ ރިޔާސަތު އުސްކޮށް އިދާރީ މޭޒުތަކާ ހަމައިން ވަނީ "ފާރެއް" ޖަހައިފަ އެވެ. ނަމަަވެސް އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހު ޖަލްސާ އިހުތިޖާޖުކޮށް އަޑުގަދަ ކުރެ އެވެ. އެހެންކަމުން މާ ބަހުސްއަކަށް ނުގޮސް މަޖިލީސް ވަރަށް އަވަހަށް ނިންމާލަ އެވެ.