ހަބަރު

ބްރޯޑްކޮމް އިން ޒޭނާ ވަކިކުރަން ހުށަހަޅައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމުން ފާތުމަތު ޒައިނާ (ޒޭނާ) ވަކި ކުރަން އިދިކޮޅު މެންބަރުން މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ. ޒޭނާ ވަކިކުރަން މަޖިލީހަށް ހުށަހެޅީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިހާޒު ފަހުމީ އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. މި ދެ މެންބަރުންނަކީ ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުންނެވެ.

އެ މެންބަރުން މަޖިލީހަށް މިއަދު ފޮނުވި ސީޓީގައި ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އިސް ރަށްވެހިންނާ ބައްދަލު ކުރައްވަން ރޭ ބޭއްވި ހަފްލާ އިންތިޒާމުކޮށްފައި ވަނީ ޒޭނާ ކަމަށާއި ނަމަވެސް އެއީ ބްރޯޑްކޮމްއާ އެއްވެސް ގޮތަކުން ގުޅޭ ހަފްލާއެއް ނޫން ކަމަށެވެ. އަދި ޒޭނާއަކީ ބްރޯޑްކޮމްއަށް އައްޔަން ކުރި އިރު ވެސް ޕީޕީއެމްގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅެއް ކަމަށާއި އޭނާގެ އަމަލުތައް އަދިވެސް އެގޮތަށް ހުރުމަކީ ބްރޯޑްކޮމްގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލޭ ކަމެއް ކަމަށެވެ.

"ފަހަކަށް އައިސް ބްރޯޑްކޮމްގެ ނިންމުންތަކަކީ އިންސާފުން ބޭރުން ސިޔާސީ ނުފޫޒު އޮވެގެން ނިންމަމުންދާ ނިންމުންތަކެއް ކަމަށް ތަކުރާރުކޮަށް ރައްޔިތުން ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގައި ޒޭނާގެ އަމަލުތައް ހުރި ގޮތުން މި ތުހުމަތުތަކުގެ ސައްހަކަން ޔަގީންވޭ،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން ބްރޯޑްކޮމްގެ ގާނޫނުގައިވާ ގޮތުގެ މަތިން މިނިވަންކަމާއެކު މައްސޫލިއްޔަތުތައް ޒޭނާއަށް އަދާ ނުކުރެވޭތީ، އޭނާ އެ މަގާމުން ވަކި ކުރަން ޖެހޭ ކަމަށާއި އެ މައްސަލާގައި ވީހާވެސް އަވަހަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ރަސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދެ ކަނބަލުން ރާއްޖޭގެ އިސް ރަށްވެހިންނާ ބައްދަލު ކުރި ހަފްލާ އިންތިޒާމް ކުރުމުގެ ކަންތައްތަކުގައި ޒޭނާ ބައިވެރިވުމުން ސޯޝަލް މީޑިއާގައި ވެސް އޭނާއަށް ގިނަ ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

ޒޭނާގެ ރޭގެ ހަފުލާގައި ބައިވެރިވެ ވަޑައިގެން އިންތިޒާމްތަކުގެ ތެރޭގައި އުޅުއްވެވި އިރު އެ ހަފުލާ ހުށަހަޅައި ދެއްވީ ޕަބްލިކް ސާވިސް މީޑިއާގެ ބޯޑް މެންބަރު އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިކްރާމް އަބްދުއް ލަތީފެވެ.