އަހުމަދު ނިހާން ހުސައިން މަނިކު

ޓޮމްއަކީ ފެށުމެއް، އިތުރު ހަތް އެމްޕީން ސަރުކާރާ ގުޅޭނެ: ނިހާން

ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަލުން ސަރުކާރާ ގުޅުމަކީ އާފެށުމެއް ކަމަށާއި ކުރިޔަށް އޮތްތަނުގައި އިތުރު ހަތް މެންބަރުން ސަރުކާރާ ގުޅި ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ގިނަ މެންބަރުން ސަރުކާރާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ދާދި ފަހުން ސަރުކާރުގެ ރަސްމީ އިވެންޓެއްގައި ބައިވެރިވެވަޑަައިގަތް ޓޮމް މިހާރު މަސައްކަތް ކުރައްވަނީ ޕީޕީއެމް ޕޯޖީ ގްރޫޕްގެ ފުލް ފްލެޖު މެންބަރެއް ގޮތުގައި ކަމަށާއި ކުރިޔަށް އޮތްތަނުގައި އިތުރު ހަތް މެންބަރަކު ސަރުކާރާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. -- ނިހާން އެހެން ވިދާޅުވި އިރު އިދިކޮޅުން ބުނަނީ ޓޮމް ހުންނެވީ އެ ފަރާތްތަކާއެކުގައި ކަމަށެވެ.

"އިއްޔެގެ ދެވަނަ ވޯޓުގައި ވެސް ޓޮމް އަޅުގަނޑުމެންނާއެކު ބައިވެރިވެވަޑައިގަތް، އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ޕީޖީ ގްރޫޕުގެ ފުލް ފްލެޖު މެންބަރެއްގެ ގޮތަށް މިހާރު މަސައްކަތް ކުރަމުން އެބަ ގެންދަވާ، މިއީ ފެށުމެއް، އަޅުގަނޑުމެން މިބަލަނީ ކުރިޔަށް އޮތް ތަނުގައި އިތުރު ހަތް މެންބަރުން ސަރުކާރާ ގުޅިވަޑައިގަންނަވާނެ ކަމަށް،" ނިހާން ވިދާޅުވި އެވެ.

ޕީޕީއެމްގައި މައްސަލަތަކެއް ދިމާވި ހިސާބުން އެކި ސަބަބުތަކާ ހެދި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން އަދި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.

އެ މެންބަރުންގެ އިތުރުން 10 މެންބަރަކު ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި މައްޗަން ގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއާ، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުއާ، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ހިމެނެ އެވެ. އޭގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީއާ، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދުއާ، ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއާ، ފުވަމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު އަދި ޓޮމް ހިމެނެ އެވެ.

އެ މެންބަރުންގެ ތެރެއިން މިހާރު އިލްހާމްއާ، ސިނާންއާ، ލަތީފް އަދި އަމީތުއާ، ސައުދުއާ ވަހީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާ، ބައި އިލެކްޝަން އިއުލާން ކުރައްވައިފަ އެވެ.