ހަބަރު

ދުވަސްތަކަކަށްފަހު ނާޒިމް އައީ އެންމެންނަށް "ފިލާވަޅަކާއެކު"

އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ގިނަ ދުވަސްތަކަކަށްފަހު ޓްވީޓެއް ކުރައްވައިފި އެވެ. ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ބޭރަށް ވަޑައިގެން މިހާރު ފިއްލަވައިގެން އުޅުއްވާ ނާޒިމް ޓްވީޓެއް ކުރައްވާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ނާޒިމްގެ ޓްވިޓާ އެކައުންޓުން ރޭގެ ކުރިން ޓްވީޓެއް ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނާޒިމް ރޭ ޓްވީޓް ކުރައްވާފައިވަނީ ޅެމެކެވެ. އެއީ ނާޒިމްގެ ބައްޕަ ނިޔަދުރު، މުހައްމަދު މަނިކު ހައްދަވާފައިވާ ޅެމެކެވެ. ބައްޕަގެ އަރުޝީފްގެ ތެރެއިން ކަމަށް ބުނެ އެ ޅެމުގެ ފޮޓޯއެއް ޓްވީޓް ކުރައްވަމުން ނާޒިމް ވިދާޅުވެފައިވަނީ، "އެންމެންނަށް ފިލާވަޅެއް" ކަމަށެވެ.

އެ ޅެމުގައި ބުނެފައިވަނީ، ހަގީގަތް ހޯދުމާއި އަސްލަށް ބަލާ މީހަކު ނުހުންނާނެ ކަމަށާއި ޝުކުރުވެރިވާނެ ކަމަށް ހިތާ ޖާނުން ފިދާވިޔަސް މަކަރު، ޔަހޫދީ، އޮޅުވާލުން ނޫން އެއްޗެއް ނޯންނާނެ ކަމަށެވެ. ތިމާގެ މުޅި ހަޔާތް އެހެން މީހަކަށް ދިނަސް ބަދަލުގައި ލިބޭނީ "ތެޔޮ ހަމެއް" ކަމަށް ވެސް އެ ޅުމުގައި ބުނެފައިވެ އެވެ.

"މަތީ ދަރަޖައިގެ ޝަރަފެއް އިއްޒަތާ ލިބިގެން އުޅޭ އިރުގާ، މަތީ އަތްއަތްމަތީ އުފުލައި ނިކަން ތައުރީފް ކޮށްފާނޭ، ކުރިން އޮތް އިއްޒަތާ ގަދަރާ މަގާމު ގެއްލިގެން ދިޔުމުން، މުޅީން އަބުރު ނަމަވެސް ހިރަފުހާއި ވެއްޔާ މޮޑެލާނެއޭ،" ޅެމުގައިވެ އެވެ.

ތިމާގެ މުދާ ގިނަވެފައި، ދިރިއުޅުން ފަސޭހަނަމަ ރަހުމަތްތެރިން ވަރަށް އޮންނާނެ ކަމަށާއި ނަމަވެސް ތިމާގެ ދިރިއުޅުން ބަރުބާދުގެ ފަގީރުވާ ދުވަހު އެކުވެރިން ރޮމުން ހިނގިޔަސް ނުހުންނާނެ ކަމަށް ވެސް ނާޒިމްގެ ބައްޕަ ލިޔުއްވާފައިވާ ޅެމުގައި ބުނެފައިވެ އެވެ.

ނާޒިމްގެ ޓްވީޓް

ނާޒިމް މި ޅެން ޓްވީޓް ކުރައްވާފައިވަނީ ކޮން ކަމަކާ ގުޅުވާފަ ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ނާޒިމް ކުރިން ހުންނެވި މަތީ މަގާމު ވަނީ ގެއްލިފަ އެވެ. ރާއްޖެއިން ބޭރުގައި ފިއްލަވައިގެން ވަނީ އުޅެންޖެހިފަ އެވެ. މި ޅެމުގައިވާ ކަންކަމަކީ ނާޒިމްގެ ދިރިއުޅުމާ މިހާރު ގުޅުން ހުރި ކަންކަން ކަމަށް ބެލެވެ އެވެ.

ނާޒިމް އުމުރު ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުން 2015 ވަނަ އަހަރު ހުކުމްކުރީ ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެންނެވެ.

ނާޒިމަށް އުމުރު ދުވަހުގެ ޖަލުގެ ހުކުމެއް އިއްވާފައިވާއިރު، އޭނާއަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ގާތް އެކުވެރިއެކެވެ. މަޖިލީހުގައި އެކުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވެ އެވެ.

އޭނާ ރާއްޖެއިން ބޭރަށް ވަޑައިގަތީ ސަރުކާރުން ހުއްދަދީގެން ބޭސްފަރުވާއަކަށް ޓްރެވެލް ޑޮކިއުމެންޓެއްގަ އެވެ. ނަމަވެސް ބޭސްފަރުވާއަށް ފޮނުވި ގައުމު ނޫން އެހެން ގައުމަކަށް ނާޒިމް ވަޑައިގެން މިހާރު އުޅުއްވާ ކަމަށްވެ އެވެ. އޭނާ އަނބުރާ ގެނައުމަށް ސަރުކާރުން މަސައްކަތެއް ކުރާތަނެއް ވެސް ނުފެނެ އެވެ. ނާޒިމް ދިރިއުޅުއްވަނީ ޔޫކޭގައި ކަމަށްވެ އެވެ.