ހަބަރު

ލޯންޗް އެކްސިޑެންޓްގައި އަނިޔާވި މީހާ ބޭރުގައި ފަރުވާދެނިކޮށް މަރުވެއްޖެ

Oct 12, 2017
4

މިދިޔަ މޭ މަހު ސަމާ އައިލެންޑް ރިސޯޓްގެ މުވައްޒަފުން ތިބި ލޯންޗެއްގައި ސަޕްލައި ދޯންޏަކުން ޖެހި ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސަމާ ރިސޯޓްގެ މުވައްޒަފު އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.

މަރުވެފައި ވަނީ ސިކުޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ސ. މީދޫ ހަނދުވަރު މަތީގެ، އަލީ ވަސީމް އެވެ. އޭނާ ރޭގެ ވަގުތެއްގައި މަރުވެފައި ވަނީ ސިކުނޑިއަށް ލިބުނު ގެއްލުންތަކަށް އިންޑިއާގެ ކޮޗިންގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. ސަމާ އައިލެންޑް ރިސޯޓްގެ އެހީގައި އިންޑިއާގައި ފަރުވާ ހޯދަމުން އައި ވަސީމްގެ ހަށިގަނޑު ރާއްޖެ ގެންނަން އެ ރިސޯޓުން ވަނީ ނިންމައިފަ އެވެ.

ވަސީމްގެ ބޮލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އޭޑީކޭއިން ވަސީމްގެ ބޮލުގެ އޮޕަރޭޝަނެއް ވެސް ކޮށް ދުވަސްކޮޅަކު އައިސީޔޫގައި ވެސް އޮތެވެ. އަދި އެއަށް ފަހު އާއިލާއިން ބޭނުން ވެގެން އެންމެ ފުރަތަމަ ލަންކާއަށް ގެންގޮސް ފަރުވާ ކުރި އެވެ. އަދި އެއަށް ފަހު ވަސީމް އިންޑިއާއަށް ގެންދިޔަ އެވެ.

މާލޭން ފުރައިގެން ސަމާ އައިލެންޑަށް 14 މީހުންނާއެކު ދަތުރުކުރި ލޯންޗު އެކްސިޑެންޓްވީ ރީތިރަށް ރިސޯޓު ކައިރީގައި އޮތް ދޯންޏެއްގައި ޖެހިގެން އެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެ ދޯނީގައި އެއްވެސް އަލިކަމެއް ނެތުމުގެ ސަބަބުން އެވެ. އެ އެކްސިޑެންޓްގައި ލޯންޗްގައި ތިބި އެންމެންނަށް ވެސް އެކިވަރުގެ އަނިޔާވި އެވެ.