ހަބަރު

ދެ ހަފުތާ ތެރޭ ޕާސްޕޯޓް ކާޑު ހައްދައިދޭން ފަށާނެ: އިމިގްރޭޝަން

ފައިސާގެ މުއާމަލާތްތައް ވެސް ކުރެވޭ ޕާސްޕޯޓް ކާޑް އަންނަ ހަފްތާގެ ތެރޭ އާންމުންނަށް އިޝޫ ކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ އިންފޮމޭޝަން އޮފިސަރު ހަސަން ހަލީލު މިއަދު ވިދާޅުވީ ޕާސްޕޯޓް ކާޑާ ބެހޭ ތަފްސީލް މައުލޫމާތުތައް އަންނަ ހަފުތާ ތެރޭގައި އިއުލާން ކުރާނެ ކަމަށާއި ކުރިޔަށް އޮތް ދެ ހަފުތާގެ ތެރޭގައި ޕާސްޕޯޓް ކާޑުތައް އާންމުންނަށް އިޝޫކޮށް ދޭން ފަށާނެ ކަމަށެވެ. އަދި އެ ކާޑު އިޝޫ ކޮށްދޭ އަގުތައް ވެސް އެ އިއުލާނުގައި ހިމަނާނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކާޑުގެ މޫނުމަތީގައި ޕާސްޕޯޓުގައި ހިމެނޭ ހުރިހާ މައުލޫމާތުތައް ހިމެނޭނެ ކަމަށާއި އަދި ފަހަތުގައި އެ މީހެއްގެ ނަމްބަރާއި އެޑްރެސް ފަދަ މައުލޫމަތުތައް ހިމަނާފައި ހުންނަ އިރު ކާޑުގައި އައިޑީ ކާޑުގެ މައުލޫމާތުތަކާއި ޑްރައިވިން ލައިސަންސްގެ މައުލޫމާތުތައް ހިމަނަން ބޭނުންވާ ފަރާތްތަކުން ކާޑު ހައްދާއިރު އެޕްލިކޭޝަން ފޯމުގައި ވަކިވަކިން އެކަންކަމަށް އެދެން ޖެހޭނެ ކަމަށެވެ.

"ޑިފޯލްޓުން އަޅުގަނޑުމެން ހުރިހާ މައުލޫމާތުތައް ނުހިމަނާނެ، މިސާލަކަށް ބައެއް ބޭފުޅުން ބޭނުން ވެދާނެ ލައިސެންސްގެ މައުލޫމާތު ނުހިމަނާ ހަމައެކަނި އައިޑީކާޑު މައުލޫމާތު ހިމަނަން، އެ ފުރުސަތު އެ ފަރާތަކަށް އޮންނާނެ،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ ޕާސްޕޯޓް ކާޑަކަށް އެދެވޭނީ ޕާސްޕޯޓު ހައްދާފައިވާ ފަރާތްތަކަށް ކަމަށާއި އެފަދަ ފަރާތްތަކުން ރާއްޖެއިން ބޭރަށް ދާއިރު ޕާސްޕޯޓު ކާޑުގެ އިތުރުން ޕާސްޕޯޓު ވެސް ބޭނުންވާނެ ކަމަށެވެ. އެ ފަރާތްތަކަށް މާސްޓާ ކާޑު ބޭނުން ކުރެވޭ ކޮންމެ ގައުމަކުން ވެސް ޕާސްޕޯޓު ކާޑު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ޕާސްޕޯޓު ކާޑު ބޭނުން ކުރެވޭނެ ރާއްޖޭގެ އެއާޕޯޓުން، ނަމަވެސް ބޭރު ގައުމުތަކުގައި ޕާސްޕޯޓު ބޭނުންވާނެ، މިސާލަކަށް މެލޭޝިޔާ ތަންތަނުގައި ދިވެހިން އަބަދު އުޅޭނީ ޕާސްޕޯޓު ހިފައިގެން، ދެން އެ ގައުމު ފުލުހުން ޕާސްޕޯޓު ދައްކަން ބުނެފިއްޔާ ޕާސްޕޯޓު ކާޑު ދެއްކޭނެ އޭގަ ހުންނާނެ ހުރިހާ މައުލޫމާތުތަކެއް، އެގޮތަށް ބޭނުން ކުރެވޭނެ، އޭރުން ޕާސްޕޯޓު ގެއްލުން ފަދަ ކަންކަން މަދުވާނެ،" ހަލީލް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަ ކާޑެކެވެ.