chattelegramwhatsappviber google-plus twitter facebook

ރާއްޖެ

އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ރިލްވާންގެ މަންމައަށް ހަދިޔާކޮށްފި

އަވަސްގެ މޫސާ، ރިލްވާންގެ މަންމައަށް އެވޯޑް ހަދިޔާކުރަނީ - އަހުމަދު ޝުރާއު | އަވަސް

ރޭ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބޭއްވި ނޫސްވެރިކަމުގެ އެވޯޑްގައި އަވަސް އޮންލައިންގެ މޫސާ ރަޝީދަށް ލިބުނު އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނަށް މިއަދު ހަދިޔާކޮށްފި އެވެ.

ރިލްވާންގެ މަންމައަށް މޫސާ ރަޝީދު އެ އެވޯޑް ހަދިޔާކުރީ މިއަދު މުޅި އަވަސް ޓީމް ރިލްވާން މަންމަގެ ގެއަށް ކުރި ޒިޔާރާތުގަ އެވެ. ރިލްވާންގެ މަންމައަށް އެވޯޑް ހަދިޔާކުރުމަށްފަހު އެ އެވޯޑް ވަނީ ރިލްވާންގެ ފޮތް އަލަމާރީގައި ބަހައްޓާފަ އެވެ.

އަވަސްގެ ޒުވާން ނޫސްވެރިޔާ ބުނީ އޭނާގެ އެވޯޑް ރިލްވާނަށް ހަދިޔާ ކުރަން ބޭނުންވީ ދުނިޔޭގެ ގައުމުތަކުގައި ކޮންމެ ދުވަހަކު ނޫސްވެރިން މަރަމުން ދިއުމާއި ނޫސްވެރިން ގެއްލުން ފަދަ ކަންކަން ހިނގަމުން ދަނިކޮށް އެފަދަ ގޮތަކަށް ރާއްޖޭގައި ނޫސްވެރިޔަކު ގެއްލުވާލައި އެއީ މުޅި ގައުމު ސިއްސައިގެން ދިޔަ ހާދިސާއަކަށްވުމުންނާއި އެއީ ރާއްޖޭގެ ނޫސްވެރި ކަމަށާއި ނޫސްވެރިންނަށާއި މުޅި ރާއްޖެއަށް ލިބުނު ދެރަކަށް ވެފައިވާތީ އެ ހިތާމާގައި ބައިވެރިވާން ބޭނުންވެގެން ކަމަށެވެ.

"އަޅުގަނޑަކީ ނޫސްވެރި ކަމުގެ ދާއިރާއަށް ވަރަށް ހަގު، މިކަމުގެ ތެރެއަށް ވަދެވުނު އިރުވެސް ރިލްވާން ވަނީ ގެއްލީފައި، އެހެންވީމާ މިވީ މުއްދަތުގައި އަޅުގަނޑަށް ލިބުނު ކާމިޔާބީ ގެއްލިފައިވާ ނޫސްވެރިޔާއަށް ހަދިޔާ ކުރުމަކީ އަޅުގަނޑަށް ލިބޭނެ އިނާމެއް ގޮތުގައި ދުށީ، އެހެންވެ އެ ފުރުސަތުގެ ބޭނުން ކުރީ،" މޫސަ ބުންޏެވެ.

މޫސަ ބުނީ، އެއީ އޭނާގެ ފަރާތުން ގެއްލުވާލާފައިވާ ރިލްވާންގެ އާއިލާއަށް ކުރާ ކުޑަ ހަދިޔާއެއް ކަމަށެވެ. އަބަދުވެސް އުއްމީދުކުރާނީ އަދި ދުއާ ކުރާނީ ވެސް ރިލްވާންއަށް ހެޔޮ ގޮތް މިންވަރުކުރެއްވުން ކަމަށް އޭނާ ބުންޏެވެ.

އެ އެވޯޑަކީ ކުޑަ ހަދިޔާއެއް ކަމަށް މޫސަ ބުނި ނަމަވެސް ރިލްވާންގެ މަންމަ ވަނީ އެއީ އެ މަންމައަށް ވަރަށް ބޮޑު ހަދިޔާއެއް ކަމަށް ބުނެފަ އެވެ. އަދި އެކަމަށްޓަކައި މޫސައަށާއި އަވަސް ޓީމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ވެސް ބުންޏެވެ. އަވަސްގެ ޒުވާން ޓީމަށް ކާމިޔާބީއަށް ރިލްވާންގެ މަންމަ ވަނީ އެދިފަ އެވެ.

"ވަރަށް ޒުވާނުން ކުދިން މި އަވަސް ނޫހުގައި މި އުޅެނީ، ދައްތަ އުއްމީދުކުރަނީ ތިޔަ ކުދިން ނޫސްވެރިކަމުގައި ކުރި އަރައިގެން ދިޔުން، ދައްތަ އެކަމަށް ދުއާކޮށް ދޭނަން، ދައްތަގެ ދަރި އެ ވަނީ މިކަމުގައި އުޅެނިކޮށް ގެއްލުވާލާފަ، އެކަމަކު ވެސް ދައްތަ ބުނާނީ ތިޔަ ޒުވާން ކުދިން ނޫސްވެރިކަން ދޫނުކޮށްލާތިވޭ، ވަރަށް އުފާވޭ ތިޔަ ކުދިންގެ މަސައްކަތްތައް ފެނިފަ، ދެރަވެ ރޮވޭ،" އަވަސްގެ ޒުވާން ނޫސްވެރިންނާ ބައްދަލުކޮށް ރިލްވާންގެ މަންމަ ބުންޏެވެ.

ރިލްވާންގެ މަންމަ ބުނީ، އަދިވެސް އުއްމީދުކުރަނީ ރިލްވާން ފެނި، އަނބުރާ ގެއަށް އަންނާނެ ދުވަހަކަށް ކަމަށެވެ. އެ ދުވަހަކަށް އަބަދުވެސް އިންތިޒާރުކުރާނެ ކަމަށް ބުންޏެވެ.

"އެންމެ އުފާވަނީ ނޫސްވެރިން ރިލްވާންގެ ހައްގުގައި ކުރާ މަސައްކަތްތައް ފެނުނީމަ، ހުރިހާ ނޫސްވެރިން ވެސް ހަމަ، ވަރަށް ރަނގަޅު، ދައްތަ ވަރަށް ލޯބިވޭ ހުރިހާ ނޫސްވެރި ކުދިން ދެކެ ވެސް،" ރިލްވާންގެ މަންމަ ބުންޏެވެ.

ރިލްވާންގެ މަންމަ އަވަސްގެ ނޫސްވެރިންނަށް ދިން ހާއްސަ މެސެޖަކީ، އެއްވެސް މީހަކު ދެކެ ބިރުނުގަނެ، ހަގީގަތް ފޮރުވާ ބައެއްގެ ގޮތުގައި ނޫސްވެރިކަން ނުކުރުމަށެވެ.. ބިރު ގަންނަންޖެހޭނީ ހަމައެކަނި ހެއްދި ފަރާތްދެކެ ކަމަށާއި މީހަކު ދެކެ ބިރުން ފަހަތަށް ނުޖެހުމަށް ނަސޭހަތްތެރިވި އެވެ.

އަވަސްގެ އުއްމީދަކީ ވެސް ރިލްވާން ހެޔޮ ހާލުގައި އެނބުރި އާއިލާ ގާތަށް ދެވޭނެ ދުވަހެއް އައުމެވެ. އަދި ރިލްވާންގެ އާއިލާއަށް އިންސާފު ލިބުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ދދ

    މީހަމަ ދައްތަ ބުނިހެން ދޫކުރާ ވަރުކަމެއްނޫން ޒުވާން އުމުރުގައި ވަރަށް ގަޔާވާކަމެއް ލިއުމާއި ކިއުން!

    5
    CLOSE
  • ހަނާ

    މޫސަ އިޒް ދަ ބެސްޓް

    27
    4
    CLOSE
  • ސުމެ1

    އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދާ، ބިރު ފަހަނަ އަޅާ ދަނީ...

    25
    5
    CLOSE

ފަހުގެ ޚަބަރު