ހަބަރު

އަހަރީ ދުވަސް ފާހަގަ ކުރަން އެމްއެންޑީއެފުން ޝަރަފުގެ ހިނގާލުމެއް ބާއްވައިފި

Apr 26, 2015

ސިފައިންގެ 123 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ޝަރަފުގެ ހިނގާލުމެއް އިއްޔެ ބާއްވައިފި އެވެ.

އެ ހިނގާލުން ފަށާފައި ވަނީ އިއްޔެ ހަވީރު 4:30 ގައި ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށިންނެވެ. ސިފައިން އެ ހިނގާލުމުގައި ވަނީ އަމީރު އަހުމަދު މަގާއި ސޯސަންމަގާއި މަޖީދީ މަގު އަދި ބޮޑުތަކުރުފާނު މަގުގައި ހިނގާލައިފަ އެވެ. ހިނގާލުން ނިންމާލީ އެ މަގުގައި ހުންނަ ކަޅުތުއްކަލާ ކޮއްޓަށެވެ.

މި ހިނގާލުމުގައި ސިފައިން ވަނީ ރާޅުގަނޑު ހެލިޕޭޑް ސަރަހައްދުގައި މަޑުކޮށް ސިފައިންގެ ބޭންޑުން ރާގުތައް ކުޅެފަ އެވެ. މީގެ އިތުރުން ކުރީ ޒަމާނުގައި ސިފައިން ބޭނުންކުރި ބައެއް ޔުނިީފޯމު ތަކާއި ހަތިޔާރު ވެސް ވަނީ ދައްކާލައިފަ އެވެ. މީގެ އިތުރުން ސިފައިންގެ ފަޔަ އެންޑް ރެސްކިއު ޔުނިޓާއި މެޑިކަލް ޔުނިޓް ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތަކެއް ދައްކާލި އެވެ. މި ހަރަކާތްތައް ބަލައިލުމަށް އެ ސަރަހައްދަށް އާންމުން އެއްވި އެވެ.

ކޮންމެ އަހަރަކު ވެސް ސިފައިންގެ އަހަރީ ދުވަހާ ދިމާކޮށް ޝަރަފުގެ ހިނގާލުމާއި މިފަދަ އެހެނިހެން ހަރަކާތްތައް ބާއްވަ އެވެ. އެގޮތުން މިއަހަރު ވެސް ސިފައިންގެ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް މިދިޔަ އާދިއްތަ ދުވަހު ހެނދުނު ވަނީ ބާއްވައިފަ އެވެ.