ބޮލީވުޑް

"ޕަދްމާވަތީ"ގެ ގަހަނާ ތައްޔާރުކުރަން 400 ކިލޯ ރަން

Oct 15, 2017

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ، ބޮލީވުޑްގެ އެންމެ ކުޅަދާނަ އަދި ކާމިޔާބު އެއް ޑައިރެކްޓަރަށް ވަނީ އޭނާ އުފައްދާ ކޮންމެ ފިލްމެއް ވެސް އުފައްދާލެއް މޮޅު ކަމުންނެވެ. ދެން އެންމެ އަވަހަށް ރިލީޒްވާ އޭނާގެ އެންމެ އުންމީދީ ފިލްމު "ޕަދްމާވަތީ" ގެ ފުރަތަމަ ޓްރެއިލަރާ އެކު އޭނާ ވަނީ ބެލުންތެރިން އާޝޯހުކޮށްލާފަ އެވެ.

ޑިސެމްބަރު އެއްވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ޓްރެއިލާ ބަލާލުމުން އެކަނި ފިލްމުގެ ކޮންމެ މަންޒަރެއް އަސްލާ އެއްގޮތް ކަމަށް ދައްކަން ބަންސާލީ ކޮށްފައިބާ ބުރަ މަސައްކަތް އަންދާޒާކޮށްލެވެ އެވެ. ބޮޑެތި ސެޓުތަކުގައި ނަގާފައިވާ ހަނގުރާމަ މަތީ މަންޒަރުތަކާއި ފިލްމުގެ ތަރިން ބޭނުންކޮށްފައިވާ ބޮޑެތި ކޮސްޓިއުމްތައް ފެނުމުން ފިލްމު އުފައްދަން އޭނާ ކޮށްފައިވާ ބޮޑު ހަރަދު ހިތަށް ތަސައްވަރުކުރެވެ އެވެ.

ފިލްމުގެ ޝޫޓިން އަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވެފައިވާއިރު، ފިލްމުގައި ތަރިން ބޭނުންކުރި ގަހަނާތައް އުފައްދަން ވެސް ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވަނީ ހޭދަވެފަ އެވެ.

ތޭރަސަތޭކަ ވަނީ ގަރުނުގައި ހިނގި ލޯބީގެ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ބޭނުންކޮށްފައިވާ ގަހަނާތައް އެ ޒަމާނުގައި ބޭނުންކުރި ގަހަނާތަކާ އެއްގޮތް ކުރަން ވަނީ އިންޑިއާގެ މަޝްހޫރު ގަހަނާ އުފައްދާ ކުންފުނި ތަނިޝްގް ލައްވާ ހަދުވާފަ އެވެ.

އިއްޔެ "ޕަދްމާވަތީ" ގެ ޓްވިޓާ ޕޭޖުން އާންމުކުރި ވީޑިއޯއެއްގައި ވަނީ މި ފިލްމަށް ގަހަނާ ހެދުމަށް އެމީހުން ކުރި މަސައްކަތް ދައްކާލާފަ އެވެ. ހަތް ސަތޭކަ ދުވަހުގެ ބުރަ މަސައްކަތުން އެތަކެއް ރިސާޗެއް ކުރުމަށްފަހު އެ ކުންފުނިން ގަހަނާތައް ތައްޔާރުކޮށްފައިވަނީ 400 ކިލޯގެ ރަން ބޭނުންކޮށްގެންނެވެ. ޝާހީ ބޮޑެތި ހާރުތަކާއި އެހެނިހެން ވެސް ގަހަނާތައް އުފައްދަން 200 އަށް ވުރެން ގިނަ މީހުން ވަނީ މަސައްކަތް ކޮށްފަ އެވެ.

މި ފިލްމަކީ އަގުބޮޑު ފިލްމެކޭ ބަންސާލީ ބުނުމުން އެކަމާ ހައިރާންވާނެ ކަމެއް ނެތެވެ. ފިލްމުގައި ބަތަލާ ދިޕިކާ ޕަދުކޯން އާއި އެކްޓަރު ރަންވީރު ސިންގް އާއި ޝާހިދު ކަޕޫރު ބޭނުންކުރާ ގަހަނާތައް އުފައްދަން އޭނާ ކޮށްލި ވަރު މިހިރީ އެވެ.

މި ފިލްމަށް ގަހަނާ ތައްޔާރުކުރި ތަނިޝްގްގެ ޑިޒައިން މެނޭޖަރު ބުނެފައިވަނީ އެ ޒަމާނުގެ ގަހަނާތައް ހުރި ގޮތް ހޯދުމަށް ކުރި ދިރާސާތަކުގައި އެމީހުންގެ ޑިޒައިނަރުން ވަނީ މުޅި އިންޑިއާގެ އެކި ކަންކޮޅުތަކުގައި ދަތުރުކޮށްފައި ކަމަށެވެ. އަދި އެ ޒަމާނުގެ ފޮތްތަކާއި ތާރީހު ދިރާސާކުރާ މީހުންގެ ލަފާ ހޯދައިގެން ފިލްމަށް ގަހަނާ ޑިޒައިންކޮށް އުފައްދާފައިވަނީ އޭރުގެ ރަހަތަކާއި ސްޓައިލް ނުގެއްލޭ ގޮތަށް ކަމަށް ބުނެފަ އެވެ.

ތަނިޝްގްއިން އާންމުކޮށްފައިވާ ވީޑިއޯއިން ވެސް ގަހަނާތައް އުފެއްދުމަށް އެމީހުންގެ ޓީމުން ކޮށްފައިވާ ބުރަމ މަސައްކަތް ފެނިގެންދެ އެވެ. ޑިޒައިން ކުރުމާ ހަމައިން ގަހަނާތައް އެތުރުމާއި އެސްޖެހުން ފަދަ ހުރިހާ ކަމެެއް ވެސް އެމީހުން ކޮށްފައިވަނީ ވަރަށް ފަރުވާތެރި ކަމާއެކު އެވެ.

މި ފިލްމުގެ ޓެރެއިލާގައި ދިޕިކާ ބައެއް ގަހަނާތައް ބޭނުންކޮށްފައި ހުއްޓާ ފެނެ އެވެ.

ފިލްމުގެ މަންޒަރާއި ބަންސާލީގެ ޑައިރެކްޝަނާއި ފިލްމުގައި ތަރިން ބޭނުންކުރާ ގަހަނާތައް އަދި ކޮސްޓިއުމްތަކުގެ ވާހަކަ ބާއްވާފައި ފިލްމުގެ ތަރިންގެ އެކްޓިންއަށް ބަލާއިރު ރަންވީރާއި އާއި ދިޕިކާ އަދި ޝާހިދު އެކްޓިން ވަރަށް ފުރިހަމަ އެވެ. އަލާއުއްދީން ހިލްޖީ ނަމަކަށް ކިޔާ ވަރަށް އަނިޔާވެރި ރަސްކަލެއްގެ ރޯލު ރަންވީރު ކުޅެފައިވާ ގޮތާއި އޭނާގެ ބިރުވެރި އަދި ރުޅިވެރި ސިފަ އިން ވަނީ ބެލުންތެރިން ބިރުގަންނަވާލާފަ އެވެ. ޖެހިލުންކުޑަ ރަސްކަލެއްގެ ރޯލުން ޝާހިދު ފެނިގެންދާއިރު ދިޕިކާ ކުޅެފައިވަނީ ރާނީ ޕަދްމާވަތީގެ ރޯލެވެ.

"ޕަދްމާވަތީ" އަކީ ރާނީ ޕަދްމާވަތީ ދެކެ އަލާއުއްދީން ހިލްޖީ ވާ ދިވާނީ ލޯތްބެއްގެ ބޮޑުކަމުން އެ ޝަހަރު ހިފަން ކުރާ ހަނގުރާމަ އެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން އަދިތީ ރާއޯ ހައިދަރީ އާއި ޖިމް ސާބް އަދި ރަޒާ މުރާދް ފެނިގެންދެ އެވެ.