ހަބަރު

ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ އަމުރަކަށް ރާއްޖެޓީވީއިން އެދިއްޖެ

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލާގައި ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ އަމުރަކަށް އެ ޓީވީ ސްޓޭޝަނުން ސިވިލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ ރާއްޖެޓީވީއިން ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު އެ މައްސަލާގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން ޖޫރިމަނާ ދެއްކުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދިފައިވާނެ ރާއްޖެޓީވީއިން ބުންޏެވެ.

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ 28 ޖުލައި 2017 ވީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ޓީވީ އިން ވަގުތުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިޔާ ބޭރުކުރުމަށް ގޮވާލައްވާ ދައްކާފައިވާ ވާހަކަތަކެއް ގެނެސްދިނުމާ ގުޅިގެންނެވެ. މިއީ ރާއްޖެޓީވީ ޖޫރިމަނާކުރި ތިންވަނަ ފަހަރެވެ.

ރާއްޖެޓީވީ އެންމެ ފުރަތަމަ ޖޫރިމަނާކުރީ ދެލައްކަ ފަންސާސް ހާސް ރުފިޔާއިންނެވެ. އެ ފައިސާ ދެއްކިތަނާ އަނެއްކާވެސް އެއް މިލިއަން ރުފިޔާއިން އެ ސްޓޭޝަން ޖޫރިމަނާކުރި އެވެ. ޖޫރިމަނާގެ ފައިސާ ދެއްކުމަށްފަހު އެ މައްސަލަތައް ވެސް އެ ސްޓޭޝަނުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ.

ފަހުން ކުރި ޖޫރިމަނާގެ ފައިސާ ދެއްކުމުގައި ރާއްޖެޓީވީއަށް އެހީވުމަށް އެ ސްޓޭޝަނުން މިހާރު ވެސް ވަނީ ފަންޑް ފޮއްޓެއް ބަހައްޓާފަ އެވެ.