ހަބަރު

އަދީބުގެ ބޭސްފަރުވާއަށް ހުރަހެއް ނާޅަން: ކަރެކްޝަން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ ހުއްޓާލާފައިވާ ކަމަށް ބުނެ އޭނާގެ އާއިލާއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ކުރި ތުހުމަތުތައް އެ އިދާރާއިން ދޮގުކޮށްފި އެވެ.

ކަރެކްޝަން ސާވިސްގެ މީޑީއާ އޮފިސަރު އަހުމަދު ލުގްމާން މިއަދު ވިދާޅުވީ، އަދީބު މިހާރު ހުންނެވީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫގައި އަދީބު ހުންނަވާތާ ވަނީ ދުވަސްތަކެއްވެފަ އެވެ.

"އަދީބުގެ ބޭސްފަރުވާއަށް އަޅުގަނޑުމެން އަޅާނެ ހުރަހެއް ނޯންނާނެ،" ލުގުމާން ވިދާޅުވި އެވެ.

އަދީބުގެ އާއިލާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އަދީބުގެ ބޭސްފަރުވާގެ ކަންކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ހުއްޓާލާފައިވާ ކަމަށެވެ. ބޭސްފަރުވާގެ ކަންކަން ހުއްޓާލީ އަދީބުގެ ހަށިކޮޅަށް ޖަހަން މަަސައްކަތްކުރި އިންޖެކްޝަނެއްގައި ޝައްކުތަކެއް އުފެދޭތީ އެ އިންޖެކްޝަން ޖަހަން އެއްވެސް މައްސަލައެއް ނެތް ކަމަށް ބުނެ، ސޮއިކުރަން ހަވާލުކުރި ލިޔުމުގައި ސޮއިކުރަން އާއިލާއިން ދެކޮޅު ހަދާފައިވާތީ ކަމަށް އާއިލާއިން ބުނެ އެވެ.

އާއިލާއިން ބުނީ، އެ ލިޔުމުގައި ސޮއި ނުކޮށްފިނަމަ އަދީބްގެ ސިއްހީ ފަރުވާ އެހިސާބުން ހުއްޓާލަންޖެހޭނެ ކަމަށް ވެސް އާއިލާއަށް އަންގާފައިވާ ކަމަށެވެ. އެ ސްކޭން ހެދުމަށް އަދީބުގެ އިއުތިރާޒެއް ނެތް ކަމަށް އާއިލާއަށް ކަރެކްޝަނުން އެންގި ކަމަށާއި ނަމަވެސް އާއިލާއިން އަދީބާ ވާހަކަ ދެއްކުމުން ސްކޭނެއްގެ ވާހަކަ އޭނައާ ދައްކާފައިނުވާކަން އެނގުނު ކަމަށް އާއިލާއިން ބުންޏެވެ. އެ ލިޔުން ސޮއިކުރަން ކަރެކްޝަނުން އާއިލާއަށް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރި އެވެ.

"އަދީބްގެ ހަށިކޮޅަށް ގޮތް ނޭނގޭ އިންޖެކްޝަންއެއް ޖެހުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މަސައްކަތްކޮށްފައިވާތީ އާއިލާގެ ފަރާތުން އެކަމަށް އިއުތިރާޒްކުރުމުން އޭގެ ފަހުން އަދީބްގެ ބޭސްފަރުވާގެ ކަންކަން ހުއްޓާލާފައިވާ ވާހަކަވެސް އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަން،" އާއިލާގެ ބަޔާނުގައިވެ އެވެ.

އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން ފަރުވާކުރެވެން ނެތްކަމަށް މީގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ދެއްކި ޑޮކްޓަރުން ވަނީ އެ މުއައްސަސާތަކަށް އަންގާފައެވެ. އަދި އެކަމާ ގުޅޭ ލިޔުންތައްވެސް އެ މުއައްސަސާތަކާ ވާނީ ހަވާލުކޮށްފައެވެ. އެހެންނަމަވެސް، އަދީބު ބޭސްފަރުވާއަށް ބޭރަށް ދިޔުމުގެ ހުއްދަ އަދި ދީފައެއް ނުވެ އެވެ. ސަރުކާރުން ބުނަނީ އަދީބަށް ބޭރަށް ވަޑައިގެންނެވީ ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދެއްކުމަށްފަހު ކަމަށެވެ.