ހަބަރު

ރާއްޖޭގައި އެއާޕޯޓެއް އެޅުމަށް ތުހުމަތުތަކެއް ކުރެވޭ ކުންފުންޏަކަށް!

ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި، އޮޕަރޭޓްކުރުމަށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކުރެވޭ އިންޑިއާގެ މައްސަލަ ބޮޑު ކުންފުންޏަކަށް ސަރުކާރުން ދީފި އެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މި މަހުގެ ހަތަރު ވަނަ ދުވަހު އިންޑިއާގެ އޮލިއާލިއާ ކުންފުނީގެ ޗެއާޕާސަން އަންސާ ވަރުމާއަށް ފޮނުވި ލިޔުމުގައިވާ ގޮތުން އޮލިއާލިއާ ކުންފުނިން ޝައުގުވެރިވާ ފަދައިން ރާއްޖޭގައި އެއާޕޯޓެއް ހިންގުމަށް އެ ކުންފުންޏަށް ފުރުސަތު ދެވިދާނެ ކަމަށެވެ. އަދި ރާއްޖޭގައި އެއާޕޯޓެއް ހަދައި އޮޕަރޭޓްކުރުމަށް އެ ކުންފުންޏަށް ދޭނީ 50 އަހަރަށް ކަމަށް ވެސްވެ އެވެ.

އޮލިއާލިއާ ކުންފުންޏަށް ދޭން ނިންމާފައިވާ އެއާޕޯޓް މަޝްރޫއުއަކީ ކޮން މަޝްރޫއެއް ކަމެއް ސާފެއް ނުވެ އެވެ. އެއީ ކޮން ތަނަކު އަޅާ އެއާޕޯޓެއް ކަމެއް ވެސް ސާފެއް ނުވެ އެވެ. ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުގައިވާ ގޮތުން އެ ކުންފުންޏަށް ރާއްޖެއިން ދޭން ނިންމާފައިވަނީ ބޮޑު ފަޅެކެވެ.

އެ ކުންފުނީގެ ޗެއާޕާސަން، ރޯމޭނިއާގެ ރީތީގެ ރާނީއެއްކަމަށްވާ އަންސާ ކައިވެނިކޮށް އުޅެނީ ކުރިން ހަތިޔާރުގެ ވިޔަފާރިކުރި އަބީޝެކް ވަރުމާއާ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މިހާރު އޭނާ ވަނީ އެ ވިޔަފާރި ހުއްޓާލާފަ އެވެ. ނަމަވެސް ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެ އެވެ. އެގޮތުން އިންޑިއާގައި ބްލެކް ލިސްޓް ކޮށްފައިވާ ޖަރުމަނުގެ ހަތިޔާރު ކުންފުންޏެއް ލިސްޓުން އުނިކުރަން ރިޝްވަތު ދިން ކަމުގެ ތުހުމަތު އޭނާއަށް ކުރެ އެވެ.

އެ މައްސަލާގައި އަބީޝެކް އަދި އަންސާ ހައްޔަރު ވެސް ކުރި އެވެ. ނަމަވެސް އެމީހުން ދޫކޮށްލީ އެކަށީގެންވާ ހެކި ނެތިގެންނެވެ. މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ވެސް އެ ދެމަފިރިންނަށް ކުރެ އެވެ.

އެ ދެމީހުންގެ މިހާރުގެ އެންމެ ފުޅާ ވިޔަފާރިއަކީ އޮލިއާލިއާ ކޯކްގެ ވިޔަފާރި އެވެ. އިންޑިއާގެ ބައެއް ނޫސްތަކަށް އެ އެ ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖޭގައި އެއާޕޯޓް އެޅުމަށްފަހު އޮލިއާލިއާ އެއާލައިން 2018 ގައި އެ ކުންފުނިން ލޯންޗުކުރާނެ އެވެ. އަދި ރާއްޖެ އާއި އެހެން ގައުމުތަކާ ދެމެދު އެ އެއާލައިންގެ ދަތުރުތައް ފަށާނެ އެވެ.

ހަތިޔާރު ވިއްކުމުގައި މަޝްހޫރު އަބީޝެކްގެ ބައްޕައަކީ އިންޑިއާގައި ކުރިން ވެރިކަން ކުރި ކޮންގްރެސް ޕާޓީގެ މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އިންޑިއާގެ އެންމެ މުއްސަނދިންގެ ލިސްޓްގައި ވެސް ހިމެނޭ އަބީޝެކްއަށް 1997 ވަނަ އަހަރު އިންޑިއާގެ އެންމެ ޒުވާން ބިލިއަނަރުގެ މަގާމު ލިބިފަ އެވެ. އޭރު އޭނާގެ އުމުރަކީ 29 އަހަރެވެ.