ހަބަރު

ރާއްޖެއާއި ޗައިނާގެ ސިޔާސީ ގުޅުން ފާހަގަކުރަން ފުޓްބޯޅަ މެޗެއް ކުޅެފި

Oct 15, 2017

ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 45 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުވެރިކަމުގެ ފުޓުބޯޅަ މެޗެއް ކުޅެފި އެވެ.

ބެއިޖިންގައި މިއަދު ހެނދުނު ކުޅުނީ ދިވެހި އެމްބަސީގެ ޑިޕްލޮމެޓުންނާއި ޗައިނާގެ ފޮރިން މިނިސްޓްރީގެ ޓީމަކާ ދެމެދެވެ. އެ މެޗް ނުވަ ލަނޑު އެއް ލަނޑުން ކާމިޔާބު ކުރީ ދިވެހި އެމްބަސީގެ ޓީމެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނީ 14 އޮކްޓޯބަރ 1972 ގައެވެ.

މެޗު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ވިދާޅުވީ، ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ ގާތް ގުޅުން ރައީސް އަބްދުﷲ ޔަމީންގެ ޒައާމަތުގައި އިތުރަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ޗައިނާއަކީ ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް ވަރަށް މުހިންމު ހިއްސާއެއް ވެދެއްވާފައިވާ އަދި މިހާރުވެސް ދެމުން ގެންދާ ގައުމެއްކަ ކަމަށެވެ.

މެޗު ބެލުމަށް ޗައިނާގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި އަދި އޮފިޝަލުންގެ އާއިލާތަކުން ބައިވެރިވި އެވެ. އަދި އެމްބަސީގެ ސްޓާފުންނާއި އާއިލާތަކުގެ އިތުރުން ޗައިނާގައި ކިޔަވާ ބައެއް ދިވެހި ކިޔަވާކުދިންވެސް މެޗް ބަލަން ގޮސްފައި ވެއެވެ.