ބޮލީވުޑް

"ސީކްރެޓް ސުޕަސްޓާ" އަކީ ހަގީގީ ވާހަކައެއް

Oct 16, 2017
1

ސުޕަސްޓާ އާމިރް ޚާން އެކްޓްކޮށް، އޭނާ އާއި އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސްކޮށްފައިވާ "ސީކްރެޓް ސުޕަސްޓާ" އަކީ އަދާވިތް ޗަންދަން ލިޔެ ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފިލްމެވެ.

"ސީކެރެޓް ސުޕަސްޓާ" އަކީ އިންޑިއާގެ ކުދަ އަވަށަކަށް ނިސްބަތްވާ ލަވަކިޔުންތެރި އަކަށް ވާން ބޭނުންވާ މުސްލިމް އަންހެން ކުއްޖެއްގެ ވާހަކަ އެވެ. އޭނާ ލަވަކިޔުމާ މަންމަ ގަބޫލަސް ބައްޕަ އެކަމާ ދެކޮޅު ހަދަ އެވެ. ނަމަވެސް އޭނާގެ މިއުޒިކީ ހުނަރު މުޅި ދުނިޔެއަށް އިއްވާލަން ބޭޭނުންވެގެން އެ އަންހެން ކުއްޖާ މޫނު ބުރުގާ އަޅައިގެން ލަވަ ރެކޯޑްކޮށް ޔޫޓިއުބަށް ލައިގެން ގިނަ ބައެއްގެ މަގްބޫލުކަން ހޯދަ އެވެ.

އާމިރް މި ފިލްމުގައި ފެނިގެންދަނީ މިއުޒިކް ޑައިރެކްޓަރެއްގެ ރޯލުންނެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ބައްޕީ ލެހެރީ ގޮތަށް ގައިގަ ގިނަ އަދަދަކަށް ގަހަނާ އަޅައި އޭނާގެ ސްޓައިލް ވެސް ހުންނަނީ ވަރަށް ޒަމާނީ ގޮތަކަށެވެ.

މީގެ އަށް މަސްކުރިން ޓްރެއިލާ ރިލީޒްކޮށްފައިވާ މި ފިލްމު މި ހުކުރު ދުވަހު ރިލީޒްކުރާއިރު، މިއީ އާމިރްގެ އެންމެފަހުން ނިކުތް ކާމިޔާބު ފިލްމު "ޑަންގާލް" އަށް ފަހު ރިލީޒްވާ އޭނާގެ ފުަރަތަމަ ފިލްމެވެ.

އާމިރް މުޅިން ތަފާތު ރޯލަަކުން ފެނިގެންދާތީ މި ފިލްމުގެ އަޑު ވަރަށް ގަދަ އެވެ. ފިލްމާ ގުޅޭ އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން މި ފިލްމަކީ ހަގީގީ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.


މި ފިލްމުގައި ފެނިގެންދާ ފުރާވަރުގެ އަންހެން ކުއްޖަކީ އައްސާމަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ ނާހިދް އާފްރީންގެ ހަޔާތެވެ. އޭނާ މުސްލިމް އަންހެން ކުއްޖަކަށްވެ، ލަވަކިޔަން ފެށުމުން އެއީ އިސްލާމް ދީނުގައި ހަރާން ކަމެއް ކަމަށް ބުނެ. އައްސާމް ސްޓޭޓުގެ ބަޔަކު ވަނީ އޭނާ ލަވަކިޔުން ހުއްޓާންލަން ގޮވައި އަޑުއުފުލާފަ އެވެ.

މިދޔަ އަހަރު ނިކުތް ބަތަލާ ސޮނާކްޝީ ސިންހާގެ "އަކީރާ" ގެ ރަޖް ރަޖް ކޭ ލަވަޔަކީ ބޮލީވުޑްގެ ފިލްމަކަށް އާފްރީނާ ކިޔާފައިވާ ފުރަތަމަ ލަވަ އެވެ. އާފްރީން ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައިވަނީ 2015 ވަނަ އަހަރު އޮތް އިންޑިއަން އައިޑޮލް ޖޫނިއާ އިންނެވެ.

ރިއަލިޓީ ޝޯ ލިޓްލް ޗެމްްޕްސް ގައި 2013 ވަނަ އަހަރު ބައިވެރިވެ 2015 ވަނަ އަހަރު އިންޑިއަން އައިޑޮލް ޖޫނިއާގައި އާފްރީން ބައިވެރިވުމުން ލަވަކިޔުން ހުއްޓާލަން އެކި އިސްލާމީ ޖަމާއަތްތަކުން އޭނާ އަސް ގޮވާލައި ފަތުވާތައް ނެރުނު ނަމަވެސް އެއިން އެއްވެސް އަޑަކަށް ފަހަތައް ނުޖެހު އާފްރީން ވަނީ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށް ގޮސްފަ އެވެ.

އާފްރީނާ ވަނީ "އަކީރާ" އަށް ކިޔައިދިން ލަވައިގެ އިތުރުން މިހާތަނަށް އިތުރު ހަތަރު ލަވައެއް ވެސް ކިޔާފަ އެވެ. އޭގެ ތެރެއިން އެއް ލަވަޔަކީ އޭނާގެ ސޯލޯ ލަވަ އެކެވެ.

މި ފިލްމުގައި ލަވަކިޔުންތެރިޔަކަށް ބޭނުންވާ އަންހެންކުއްޖާގެ ރޯލު ކުޅެފައިވަނީ "ޑަންގަލް"ގައި އާމިރުގެ ދަރިފުޅެއްގެ ބައި އަދާކުރި ޒާއިރާ ވަސީމް އެވެ.