ހަބަރު

އިސް ވަފުދަކާއެކު ރައީސް ޔާމީން ޔޫއޭއީއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް މިއަދު ފުރާވަޑައިގެންފި އެވެ. ރައީސްގެ އަރިހުގައި ސަރުކާރުގެ ތިން މިނިސްޓަރަކު ވެސް އެގައުމަށް ވަޑައިގަތެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، ރައީސްގެ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ހަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ހަތަރު އެއްބަސްވުމުއްގައި ސޮއިކުރާނެ ކަމަށް މުއާޒު ވިދާޅުވި އެވެ. އެއީ، އިންވެސްޓްމެންޓް ޕްރޮޓެކްޝަނާ ބެހޭ އެއްބަސްވުމަކާއި ވިސާއާ ބެހޭ އެއްބަސްވުމަކާއި ޑަބަލް ޓެކްޓޭޝަން އުވާލުމާ ބެހޭ އެއްބަސްވުމެއްގެ އިތުރުން ވެލާނާ އެއާޕޯޓް ތަރައްގީކުރުމާ ބެހޭ އެއްބަސްވުމެއް ކަމަށް މުއާޒު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުފުޅުގައި ބައިވެރިވަޑައިގަންނަވާ ވަފުދުގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން އެންވާރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.