ހަބަރު

ފަތުވާދޭ މަޖިލީހުގެ ވަފުދެއް މިސްރުގެ ކޮންފަރެންސަކަށް

Oct 16, 2017

"އެނުއަލް ކޮންފަރެންސް އޮފް އިންޓަނޭޝަނަލް ބޯޑް އޮފް ފަތުވާ ކައުންސިލިން" ކޮންފަރެންސްގައި ބައިވެރިވުމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ވަފުދެއް މިއަދު މިސްރަށް ފުރައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އެ ކޮންފަރެންސްގައި ބައިވެރިވަނީ ރާއްޖޭގެ ދީނީ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ބައިނަލްއަގްވާމީ ފެންވަރުގެ އިސްލާމީ ކޮންފަރެންސްތަކުގައި ރާއްޖޭގެ އިލްމުވެރިން ބައިވެރިކޮށް، ދީނީ މައުލޫމާތު މުއްސަނދި ކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

މިމަހުގެ 17 އިން 19 އަށް މިސްރުގެ ވެރިރަށް ގާހިރާގައި ބާއްވާ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ޝައިހު މުޙައްމަދު ރަޝީދު އިބްރާހީމާއި، އެ މަޖިލީހުގެ މެންބަރު ޝައިހު އިސްޙާޤް މުޙައްމަދުފުޅާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރިޒާއެވެ.

މި ކޮންފަރެންސްގެ މައުލޫއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދަ ރޯލް އޮފް ފަތުވާ އިން ކްރިއޭޓިން އަ ސްޓޭބަލް ސޮސައިޓީ" އެވެ.

ބައިނަލްއަގްވާމީ ފެންވަރެއްގައި ތިންވަނަ ފަހަރަށް ބާއްވާ މި ކޮންފަރެންސްގައި އަދުގެ މުޖުތަމައުގައި ދިމާވާ ދީނީ އިސްތިލާހީ މައްސަލަތަކާއި ދީނީ ގޮތުން ހުންނަ ހަރުކަށި ވިސްނުންތައް ދިރާސާކޮށް މި ކަންކަން ހައްލު ކުރުމުގައި ފަތުވާގެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން ޒަމާނާ ގުޅޭގޮތުން ފަތުވާ ނެރުމާއި މީޑިއާ އަދި ސައިބާ ސްޕޭސްގައި ފަތުވާތަކާ ގުޅޭގޮތުން ދައުރުވާ ނުރަނގަޅު މައުލޫމާތުތައް ނައްތާލާނެ ނިޒާމެއް ގާއިމް ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.

"ފަތުވާ: ސްޓެބިލިޓީ، ޑިވެލޮޕްމަންޓް، ޕްރޮސްޕެރިޓީ" މި ކޮންފަރެންސްގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައިވާއިރު މި ކޮންފަރެންސްގައި ރާއްޖޭ އިތުރުން އިސްލާމީ ގިނަ ގައުމުތަކަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.