ހަބަރު

ޕާސްޕޯޓް ކާޑް ހަދަން 450 ރުފިޔާ

Oct 16, 2017
4

ގިނަ ބޭނުންތަކެއް ކުރެވޭ ގޮތަށް އިމިގްރޭޝަނުން މިފަހުން ތައާރަފްކުރި އެންމެ ފަހުގެ ޒަމާނީ ޕާސްޕޯޓް ކާޑް ހަދައިދޭން 450 ރުފިޔާ ނަގާނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ހާމަކުރި ގޮތުގައި ޕާސްޕޯޓް ކާޑް އާންމުންނަށް ހަދައިދޭން ފަށާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އެވެ. ޕާސްޕޯޓް ކާޑް ތައާރަފް ކުރީ މިދިޔަ ހަފްތާ ބުދަ ދުވަހު އެވެ.

ޕާސްޕޯޓް ކާޑް މެދުވެރިކޮށް އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމާއި ފައިސާގެ މުއާމަލާތްތައް ކުރުމާއި އައިޑީކާޑް އަދި ލައިސަންސް ކާޑްގެ ގޮތުގައި ވެސް އެ ކާޑް ބޭނުން ކުރެވޭނެ އެވެ. އެ ކާޑުގެ މޫނުމަތީގައި ޕާސްޕޯޓުގައި ހިމެނޭ ހުރިހާ މައުލޫމާތުތަކާއި ފަހަތުގައި އެ މީހެއްގެ ނަމްބަރާއި އެޑްރެސް ފަދަ މައުލޫމަތުތައް ހިމަނާފައި ހުންނާނެ އެވެ. އަދި ކާޑުގައި އައިޑީ ކާޑުގެ މައުލޫމާތުތަކާއި ޑްރައިވިން ލައިސަންސްގެ މައުލޫމާތުތައް ހިމަނަން ބޭނުންވާ ފަރާތްތަކުން ކާޑު ހައްދާއިރު އެޕްލިކޭޝަން ފޯމުގައި ވަކިވަކިން އެކަންކަމަށް އެދެން ޖެހޭ ގޮތަށް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި އެލައިޑް އިންޝްއަރެންސާ ގުޅިގެން އިމިގްރޭޝަނުން ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ ބައެއް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މިހާރު ބޭނުން ކުރަމުން އަންނަ ކާޑެކެވެ.

ޕާސްޕޯޓް ކާޑް ބޭނުން ކުރި ނަމަވެސް ބޭރަށް ދަތުރުކުރުމުގައި އަދިވެސް ޕާސްޕޯޓް ބޭނުން ކުރަން ޖެހޭނެ އެވެ.