ހަބަރު

ޕާޓީ ޑްރަގްސްގެ މައްސަލަތައް އެހާ އާންމެއް ނޫން: ފުުލުހުން

ޕާޓީ ޑްރަގްސްތައް ރާއްޖޭގައި ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށް އަޑު ފެތުރެމުން ދިޔަ ނަމަވެސް އެފަދަ މައްސަލަތަކަކީ އާންމުކޮށް ފުލުހަށް ހުށަހެޅޭ މައްސަލައެއް ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިހެން ބުނި ނަމަވެސް ޕާޓީ ޑްރަގްސް ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި އައްޑޫ ސިޓީއަށް އެތެރެ ކުރަން މަސައްކަތް ކުރަނިކޮށް ކަސްޓަމްސް އިން މިއަދު ވަނީ އަތުލައިގަނެފަ އެވެ. އަދި ދާދި ފަހުން ހުޅުމާލޭގައި ވެސް އެފަދަ ޑްރަގްސް ބޭނުންކޮށްގެން ދެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

އެ ކަމާ ގުޅިގެން ފުލުހުން މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ ޕޯސްޓު މެދުވެރިކޮށް އައްޑޫއަށް އެތެރެ ކުރަން އުޅުން ޕާޓީ ޑްރަގްސް ކަމަށް ބެލެވޭ ތަކެތި ފޮރެންސިކް ލެބޯޓަރީން ތަހުގީގު ކުރަމުންދާ ކަމަށާއި ނަމަވެސް އޭގެ ރަސްމީ ނަތީޖާއެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ. އަދި އެތަކެތި ވަރަށް ބޮޑަށް ދައުރުވާ ކަމަށް އަޑު ފެތުރިފައިވީ ނަމަވެސް އެއީ އާންމުކޮށް ހުށެޅޭ މައްސަލަތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ

".. އެހެންކަމުން އެއްވެސް ރައްޔިތެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ނުފެތުރުވުމަށް ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލަތަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރާ ކަމަށާއި އެކަން ހުއްޓުވުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާއި ބައިނަލްއަގުވާމީ ފަރާތްތަކާ ގުޅިގެން ކެނޑި ނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތައް ހޯދާ ޝަރިއްޔަތަށް ހުށަހަޅާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.