ހަބަރު

އަނަސްގެ "ގާތިލުންނަށް" ވަކީލުން ހޯދަން 10 ދުވަސް

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހަމަލާދީ، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންނަށް ވަކީލުން ހޯދަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ދިގު މުއްދަތު ކަމަށްވާ 10 ދުވަސް ދީފި އެވެ.

އަނަސް މަރާލި މައްސަލާގައި މިއަދު ވަނީ ވަނީ އިބްތިދާއީ އަޑުއެހުންތައް ފަށާފަ އެވެ. އަޑުއެހުމަށް ވަކީލަކާއެކު ހާޒިރުވީ ދައުވާ ލިބޭ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އެކަންޏެވެ.

ދެން މައްސަލާގައި ދައުވާ ކޮށްފައިވަނީ މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާ، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަދި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ. އެ ހަތަރު މީހުން ވަނީ މައްސަލާގައި ކުރިއަށް ދާން ބޭނުން ވަނީ ވަކީލަކާއެކު ކަމަށް ބުނެ އެކަމަށް 10 ދުވަހުގެ ފުރުސަތަކަށް އެދިފަ އެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް އަރީފް ވަނީ ހަތަރު މީހުންނަށް ވެސް 10 ދުވަސް ދެއްވާފަ އެވެ. ދެން މި މައްސަލާގައި އޮންނަ އިބްތިދާއީ ދެވަނަ އަޑުއެހުމުގައި ދައުލަތުން ކުރާ ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ އެވެ. މަހުފޫޒް ވަކީލަކާއެކު މިއަދު ޝަރީއަތަށް ހާޒިރުވި ނަމަވެސް މައްސަލާގެ ލިޔުންތައް މިއަދު ލިބިފައިވާތީ، އެހެން މީހުންނާއެކު ޖަވާބުދާރީވުމަށް ބޭނުންވާ ކަމަށް ވަނީ އޭނާގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެ ފުރުސަތު ޝަރީއަތުން ދިނެވެ.

އެ ފަސް މީހުންގެ ތެރެއިން އުސްމާން އަދި ޒަޔާންގެ މައްޗައް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އެވެ. ދެން ތިބި މީހުންނަށް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ފަސް މީހުންގެ އިތުރުން އަނަސް މަރާލި މައްސަލާގައި ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާކޮށް އެ މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވާފަ އެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ.