ހަބަރު

އަނަސްގެ "ގާތިލުން" ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Oct 16, 2017
2

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހަމަލާދީ، ރ. މީދޫ ފެންފިޔާޒުގޭ މުހަައްމަދު އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ފަސް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އެ ފަސް މީހުންގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުންތައް ފެށީ މިއަދު އެވެ.

އެމީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ މިއަދު އެ މައްސަލާގެ އޮތް އިބްތިދާއީ އަޑުއެހުމަށްފަހު ބޭއްވި ބަންދު މަޖިލީހުގައި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފެވެ. މީގެކުރިން އެމީހުންގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކޮށްފައިވެ އެވެ.

އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް، މ. ދިމިޝްގު އުސްމާން ޝަރީފާއި ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާ، ލ. ގަން ތުނޑީ، ނަންނާރިގެ ޖުނައިހު އަބްދުﷲ އަދި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ މައްޗަށެވެ.

މިއަދު މައްސަލާގެ އިބްތިދާއީ އަޑުއެހުމުގައި އެމީހުންނަށް ވަކީލުން ހޯދަން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ދެން އޮންނަ އިބްތިދާއީ އަޑުއެހުމުގައި މައްސަލާގައި ޖަވާބުދާރީވާން ޖެހޭނެ އެވެ.

އެ ފަސް މީހުންގެ ތެރެއިން އުސްމާން އަދި ޒަޔާންގެ މައްޗައް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލި ކަމުގެ ދައުވާ އެވެ. ދެން ތިބި މީހުންނަށް ކުރަނީ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

ފަސް މީހުންގެ އިތުރުން އަނަސް މަރާލި މައްސަލާގައި ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާކޮށް އެ މައްސަލަ ޖުވެނައިލް ކޯޓަށް ފޮނުވާފަ އެވެ. އެ ކުއްޖާގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އަތޮޅު ފެރީގެ ކެޕްޓަނެއްގެ ވަޒީފާގައި އުޅުނު އަނަސް ވަރަށް އަނިޔާވެރިކޮށް މަރާލީ ފެރީ ދަތުރުގައި މާލެ އައިސް ހުއްޓަ އެވެ. އޭނާގެ އާއިލާއިން ބުނަނީ އަނަސް އަކީ އެއްވެސް ގްރޫޕަކާ މައްސަލައެއް އޮތް ޒުވާނެއް ނޫން ކަމަށެވެ.