ހަބަރު

ހުޅުމާލެ މޯލްގައި ސަން ގްލާސް ފެޝަން ޝޯއެއް ބާއްވަނީ

ހުޅުމާލެ ސެންޓްރަލް މޯލްގައި ސަން ގްލާސް ފެޝަން ޝޯއެއް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ. މި ޝޯ އޮންނާނީ މާދަމާ ރޭ އެވެ.

ޝޯގައި ދައްކާލުމަށް ހަމަޖެހިފައިވަނީ އެ މޯލްގެ ދެވަނަ ފަންގިފިލާގައި ހުންނަ އައިކެއާގެ ފިހާރައެއް ކަމަށްވާ "ސަން އެންޑް ސްޓައިލް"ގެ އަވި އައިނުތަކެވެ.

އެ ފިހާރައިގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ހުސެއިން ޝާފިއު ވިދާޅުވީ، އެ ޝޯއަކީ ޝޮޕިން މޯލް ކުރިއެރުވުމަށް ޕްލޭ ޑޭ ވޯލްޑް އިން ކުރިއަށް ގެންދާ އިވެންޓްތަކުގެ ތެރެއިން އިވެންޓެއް ކަމަށެވެ.

މިފަހަރުގެ އިވެންޓް، ސަން ގްލާސް ފެޝަން ޝޯއެއްގެ ގޮތަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، އެ ޝޯގައި އައިކެއާގެ ސަން އެންޑް ސްޓައިލްއިން ވިއްކާ ނަން މަޝްހޫރު ބްރޭންޑްތަކުގެ އަވި އައިނުތައް ދައްކާލާނެ އެވެ. އަދި އެ އައިނުތަކާ ބެހޭ މައުލޫމާތު ވެސް ދޭނެ އެވެ.

ޝޯ ކުރިއަށްދާއިރު، ޕަވާ ސަން ގްލާސް އަޅާ މީހުންނަށް ލޯ ޗެކަޕްކުރުމުގެ ފުރުސަތު ހިލޭ ލިބޭނެ ކަމަށް ޝާފިއު ވިދާޅުވި އެވެ. އަދި ވަގުތުން އައިނު ގަތުމުގެ ފުރުސަތު ވެސް ލިބޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަން މަޝްހޫރު ބޮޑެތި ބްރޭންޑްތަކުގެ އޮރިޖިނަލް އަވި އައިނު ވިއްކާ "ސަން އެންޑް ސްޓައިލް"އިން ދަނީ އަހަރު ފަހުކޮޅު އަވި އައިނުގެ ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.