ވިޔަފާރި

ފުރާ މީހުންގެ ޓެކުހުން 166 މިލިއަން ރުފިޔާ

ރާއްޖޭގައި ހިންގާ އިންޓަނޭޝަނަލް އެއާޕޯޓް ތަކުން ބޭރަށް ފުރާ މީހުން އަތުން ނަގާ، ޓެކުހުގެ ގޮތުގައި ދައުލަތަށް 166 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާގެ މިދިޔަ މަހުގެ ހިސާބުތައް ދައްކާ ގޮތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި ދައުލަށް މިދިޔަ މަހުގެ ނިޔަލަށް 166 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ މަހު 47 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދުމުގެ މަގުސަދުގައި ސަރުކާރުން އޭޑީސީ ނަގަން ފަށާފައިވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މި ފީ ނަގަން ފުރަތަމަ ހުށަހަޅާފައިވަނީ ބިދޭސީންނާއި ދިވެހިންގެ އަތުންވެސް 25 ޑޮލަރެވެ. ނަމަވެސް ފަހުން ވަނީ ދިވެހިންގެ އަތުން 12 ޑޮލަރު، ބިދޭސީންގެ އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖު ނަގަން ފަށާފަ އެވެ.

އޭޑީސީން ޖުމްލަ 575 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ. އެކަމަކު ދިވެހިންގެ އަތުން ނަގާ މިންވަރު 12 ޑޮލަރަށް ކުޑަކުރުމުން އެ އަދަދު މަދުވާނެ އެވެ.