ވިޔަފާރި

އެމްޓީސީސީގެ ފައިދާއިން ހިއްސާއަކަށް 20ރ. ބަހަން ހުށަހަޅައިފި

Apr 26, 2015

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ. ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އެމްޓީސީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ. ބަހަން އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަހަރީ އާއްމު ޖަލްސާ ބާއްވާނެ ތާރީހެއް އެ ކުންފުނިން އަދި އިއުލާނެއް ނުކުރެ އެވެ.

އެމްޓީސީސީން ބުނީ މިދިޔަ އަހަރުގެ ސާފު ފައިދާ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކުހަށް ކެނޑުމަށްފަހު، 81 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ޓްރާންސްޕޯޓް ކުންފުނިކަމަށްވާ، އެމްޓީސީސީއަށް މިދިޔަ އަހަރު ރެކޯޑު އަދަކަށް ފައިދާވެފައިވެ އެވެ.

އެ ކުންފުނީގެ ސީއީއޯ އަބްދު ރައްޒާގު ހަލީލް ވިދާޅުވެފައިވާ ގޮތުގައި މިދިޔަ އަހަރުގެ އެ ކުންފުންޏަށް 80 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ހޯދައިވާ ކަމަށާއި، މިއީ ކުންފުނީގެ 34 އަހަރުވީ ތާރީހުގައި ރެކޯޑެއް ކަމަށެވެ. އަދި މިދިޔަ އަހަރު ބޮޑު ފައިދާއެއް ލިބުމުގެ އެއް ސަބަބަކީ ސަރުކާރުން އެ ކުންފުންޏަށް ގިނަ މަޝްރޫއުތަކެއް ހަވާލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ. ބަހަން ހުށަހެޅުމަށް ބޯޑުން ނިންމާފައިވާއިރު، 2013 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ޖެހިފައިވަނީ 16ރ. އެވެ. އަދި އޭގެކުރީ އަހަރު ޖެހުނީ 15ރ. އެވެ.