ވިޔަފާރި

އަންނަ އަހަރުގެ ބަޖެޓު މިމަހުގެ ފަހުކޮޅު މަޖިލީހަށް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓު މި މަހުގެ 31 ވަނަ ދުވަހު ރައްޔިތުން މަޖިލީހަށް ފޮނުވޭ ވަރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މުނައްވަރު "އަވަސް" އަށް ވިދާޅުވީ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ބަޖެޓުގެ ތަފުސީލް އެނގޭވަރުވާނީ އަދި ފަހުން ކަމަށެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން މަސައްކަތް ކުރެއްވިނަމަވެސް، ހުށަހަޅާނެ ދުވަހެއް ފައިނަލް ނުވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.

ނަމަވެސް، ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެންބަރު ދަނީ އަންނަ ހަފުތާގައި ރައްޔިތުން މަޖިލީހަށް ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ވިދާޅުވަމުންނެވެ.

މި ހިނގާ އަހަރުގެ ބަޖެޓުގެ ޖުމްލައަކީ 26.8 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި ދައުލަތަށް 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރި އެވެ. މީގެތެރޭގައި ހިމެނެނީ ޓެކުސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 14.1 ބިލިއަން ރުފިޔާ އާއި ޓެކުސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވުނު 4.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ހިމެނެނީ ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވުނު 878 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ހިމެނެނީ އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ޑެފިސިޓް ގެ ގޮތުގައި އަންދާޒާ ކުރީ 303.7 މިލިއަން ރުފިޔާ އެވެ.