ވިޔަފާރި

ވިޔަފާރި ބަނދަރު ހަދަން ޑީޕީ ވޯލްޑާއެކު އަލުން މަޝްވަރާކޮށްފި

Oct 17, 2017

ރާއްޖޭގައި ޒަމާނީ ވިޔަފާރީގެ ބަނދަރެއް ގާއިމްކުރުމަށް ދުބާއީގެ ޑީޕީ ވޯލްޑާ އެކު ރާއްޖެއިން އަލުން މަޝްވަރާތައް ފަށައިފި އެވެ. މީގެ ކުރިން ވެސް މާލޭގެ ވިޔަފާރީގެ ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް ޒަމާނީ ބަނދަރެއް އެޅުމަށް ޑީޕީ ވޯލްޑާ އެކު އެމްއޯޔޫއެއްގައި ސޮއިކޮށް މަޝްވަރާތައް މި ސަރުކާރުން ކުރި އެވެ.

ނަމަވެސް ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ނާދެވުމުންނާއި ސިޔާސީ ޕްރެޝަރުތަކާ ހުރެ އެފަހަރުއެ މަޝްރޫއު ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޑީޕީ ވޯލްޑްގެ ސީއީއޯ އަދި ޗެއާމަން ސުލްތާން އަހުމަދު ބިން ސުލޭމާންއާ މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ. މިއަދު ހެނދުނު ޔޫއޭއީގައި އޮތް މި ބައްދަލުކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ އިގްތިސާދީ ގޮތުން ދެ ގައުމުގެ ދެމެދުގައި މަސައްކަތްތަކެއް ކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ. މީގެއިތުރުން މި ބައްދަލްކުރެއްވުމުގައި ރާއްޖޭގައި ޒަމާނީ ބަނދަރެއް ގާއިމްކުރުމުގެ މަޝްވަރާތައް ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"މި ބައްދަލުކޮށްލެއްވުމުގައި، ދިވެހިރާއްޖެއަށް ފައިދާހުރި އުފެއްދުންތެރި ވިޔަފާރީގެ ފުރުސަތުތަކާއި ވިޔަފާރީގެ ރޮނގުން ފުރުސަތުތަކެއް ކައިރި މުސްތަގުބަލެއްގައި ލިބިގެންދާނެ ދާއިރާތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވެވި،" ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޔޫއޭއީއަށް މިހާރު ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫއޭއީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި ރާއްޖޭގެ ތަރައްގީއާއި ގުޅުންހުރި އެކި ދާއިރާތަކުން އަންނަނީ މަޝްވަރާ ކުރައްވަމުން އެވެ. އަދި އެއާޕޯޓްގެ ތަރައްގީއަށް ދުބާއީ ފަންޑުން ލޯނެއް ނެގުމަށް މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.