ހަބަރު

މި ވެރިކަމުގައި ރާއްޖެ ވަނީ ބާކީވެފަ: ނަޝީދު

Oct 17, 2017
15

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ ވަނީ ބާކީވެފަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލް (ޔޫއެންއެޗްއާރުސީ)ގެ ގޮނޑިއަށް ވާދަކުރުމަށްފަހު ނަން އަނބުރާ ގެންދިޔަ ގެންދިޔުމަށް އިޝާރަތް ކުރައްވާ މިއަދު ޓްވީޓް ކުރައްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބުގައި ރާއްޖެއިން ބައިވެރިނުވާން މާކުރިން ނިންމި ސަބަބު ސާފުވާ ކަމަށެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެ ބާކީވެފައި އޮތުން ކަމަށެވެ.

އިންތިހާބުގައި ރާއްޖެއިން ވާދަކުރުމަށް، ޖޫން 2016ގައި ހުށައެޅި ކަމުގައި ވީނަމަވެސް، މި ދައުރުގެ އިންތިހާބުގައި ވާދަނުކޮށް، ފަހުގެ ދައުރަކަށް ކުރިމަތިލުމަށް ނިންމާ، ދިވެހި ސަރުކާރުން ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ނަން އަނބުރާ ގެންގޮސްފަ އެވެ.

އެގޮތަށް ނިންމި ސަބަބެއް ކަމަށް ސަރުކާރުން ބުނެފައިވަނީ ސަރަހައްދީ އެއްބާރުލުމަށް ވާގިި ދިނުމަށާއި، އ.ދ. ގެ ސަލާމަތީ މަޖިލީހުގެ 2019 އިން 2020 ގެ ދައުރަށް ރާއްޖެއިން ކުރިމަތިލާފައިވާތީ، އެކަމަށް އިސްކަން ދިނުމުގެ މަގުސަދަގަ ކަމަށެވެ.

އިންތިހާބުގައި ރާއްޖެ ބައިވެރިނުވި ނަމަވެސް ރޭ ނެގި ވޯޓުގައި ހަތަރު ގައުމަކުން ރާއްޖެއަށް ވޯޓު ދީފައިވެ އެވެ. ފޮރިން މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ރާއްޖެއަށް ތާއީދު ކުރި ގައުމުތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ.