ބޮލީވުޑް

"ކެދާރްނާތު"ގެ ކުރިން ސާރާ އިތުރު ފިލްމެއް ނުކުޅޭނެ

Oct 19, 2017
1

ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި ކުރީގެ އަންހެނުން އަމްރިތާ ސިންގްގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން ބޮލީވުޑަށް ނިކުންނަ ފިލްމު "ކެދާރްނާތު ގެ ބޮޑު ބައި ޝޫޓިން މިހާރު ވަނީ ނިންމާލާފަ އެވެ.

އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށް، ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތާ އެކު ސާރާ ލީޑްރޯލުން ފެނިގެންދާ "ކެދާރްނާތު" ކުޅެން ސާރާ ނިންމީ އޭނާ އަށް ގިނަ ފިލްމުތަކަކުން ހުށަހެޅުން ލިބެމުން ދަނިކޮށެވެ.

މުސްލިމް ފިރިހެން ކުއްޖަކާއި ހިންދޫ އަންހެން ކުއްޖެއްގެ މެދުގައި އުފެދޭ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ތެރޭގަ އެވެ.

މި ފިލްމު ރިލީޒްކުރުމާ ދެމެދު އަދި އަށް ވަރަކަށް މަސް ދުވަސް އަދި އޮތް އިރު އިތުރު ފިލްމަކުން ފުރުސަތު ލިބުނަސް "ކެދާރްނާތް" ރިލީޒްނުވަނީސް އިތުރު ފިލްމެއް ކުޅޭކަށް ސާރާ ބޭނުމެއްނުވެ އެވެ.


ހަބަރުތައް ބުނާގޮތުން ފުރަތަމަ ފިލްމު ރިލީޒްވުމުގެ ކުރިން އިތުރު ފިލްމެއް ކުޅެން ސޮއިނުކުރަން ސާރާ ނިންމީ އެ ފިލްމަށް ލިބޭ ތަރުހީބު ބެލުމަށެވެ. އަދި ދެން އޭނާ ބޭނުންވަނީ މޮޅެތި ސްކްރިޕްޓްތަކުގެ ފިލްމު ކުޅޭށެވެ. އެގޮތުން "ކެދާރްނާތް" އަށް ލިބޭ ތަރުހީބުގެ ގޮތުން އޭނާ އަށް ރަނގަޅު ފިލްމުތަކުން ހުށަހެޅުން ލިބޭނެ ކަމަށް ސާރާ އާއި އޭނާގެ މަންމަ ގަބޫލުކުރެ އެވެ.

"ކެދާރްނާތް" ކުޅެން ސާރާ ސޮއިކުރިއިރު އޭނާ އަށް މާކުރިން ވަނީ ޑައިރެކްޓަރު ކަރަން ޖޯހަރު އުފައްދާ ފިލްމަކުން ވެސް ފުރުސަތު ލިބިފަ އެވެ. ނަމަވެސް އޭނާ ނިންމީ އަބީޝެކް ޑައިރެކްޓްކުރާ ފިލްމު ކުޅޭށެވެ.

އުއްތަރްކަންދްގެ ގައި މި ފިލްމުގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން މަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލާފައިވަނީ މި މަހުގެ ކުރީކޮޅު އެވެ. މި ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނަގަން ވަރަށް އަވަހަށް ފަށާނެ އެވެ.