ގއ. ވިލިނގިލީ ކައިރި ފަޅު ރަށެއް ކަމަށްވާ ރައިވެއްރެހާ މޫދަށް އެރުނު ދެމަފިރިއަކު ގެނބި، އޭގެ ތެރެއިން ފިރިމީހާ މަރުވެއްޖެ އެވެ.
ދެމަފިރިން މޫދަށް ވެއްޓި ގެއްލިގެން ހޯދަމުން ދަނިކޮށް ފުރަތަމަ ފެނުނީ ފިރިހެންމީހާ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.
މަރުވެފައިވަނީ ކ. ކާށިދޫއަށް އުފަން ޕޮލިސް ކޮންސްޓަބަލް މުހައްމަދު ހަނީފެވެ.
ގއ. ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި އަންހެންމީހާގެ ހާލު ރަނގަޅެވެ. އޭނާއަށް ވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެމީހުން މޫދަށް އެރުނު ސަރަހައްދަކީ އޮޔެ ބާރު ސަރަހައްދެއް ކަމަށްވެ އެވެ. ފުލުސް މީހާ ގެނބެން މެދުވެރިވީ އަކުނިވަޔަށް ދަމައިގަނެގެން ކަމަށް މައުލޫމާތު ލިބެ އެވެ. އަންހެންމީހާއަކީ ފަތަން ދަންނަ މީހެއް ނޫން ކަމަށް ވެސްވެ އެވެ. ފިރިމީހާ ސަލާމަތްކުރުމަށް އަންހެންމީހާ މަސައްކަތް ކޮށްފައިވެ އެވެ.
ހަނީފަކީ ކާށިދޫއަށް އުފަންވި މީހެކެވެ. އޭނާއަށް އެހެން ކައިވެންޏަކުން ދަރިއަކު ހުރެ އެވެ. ދަރިފުޅު ހުރީ ކާށިދޫގަ އެވެ. ވިލިނގިންޏަށް އޭނާ ދިރިއުޅެމުން ބަދަލުކުރީ ވަޒީފާގައި އެ ރަށަށް ބަދަލުވާން ޖެހުމުންނެވެ. ހަނީފު ވިލިނގިލީ އަންހެންމީހާއާ ކައިވެނިކުރިތާ އަދިވީ އެއް އަހަރެވެ.