ހަބަރު

ފަތުހު ޖަމާއަތުގެ މުސްތޮފާގެ ދެމަފިރިންނާއި އާއިލާގެ ދެމީހަކަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި

ހައްޖަށް ގެންދަން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވި، މައްސަލައިގައި ފަތުހު ޖަމާއަތުގެ ވެރިޔާ، މުސްތަފާ މުހައްމަދާއި އޭނާގެ އާއިލާގެ އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން މައްސަލަ ޕީޖީއަށް ފޮނުވައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ފެންމަތިވި އެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ މައްސަލައިގައި މުސްތޮފާގެ އިތުރުން ދެން ދައުވާ ކުރަން ފޮނުވީ، އޭނާގެ އަންހެނުން ހ. ސިއްކަގޭ ހުޅަނގުބައި މަރިޔަމް ރަޝީދާ އިބްރާހިމް އާއި މުސްތޮފާގެ ދަރި، އިސްމާއިލް ސުވައިދު އަދި މުސްތަފާގެ ދަނބިދަރި ދ. މީދޫ، މުސްތަރީގެ، މުހައްމަދު އަސްލަމްގެ މައްޗަށެވެ.

މި އެންމެންނަކީ ވެސް އެ ޖަމާއަތުގެ ޑިރެކްޓަރުންނެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ޕީޖީއަށް ފޮނުވި އިރު، މުސްތަފާ ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވި އެހެން މެންބަރުން ރާއްޖޭގައި ތިބި ކަމެއް ޔަގީނެއް ނުވެ އެވެ. އެ މައްސަލަ ފެންމަތިވުމާ އެކު އެ އާއިލާގެ ބައެއް މެންބަރުން ލަންކާއަށް ފުރައިގެން ގޮސްފައިވެ އެވެ. އަދި ފުލުހުންގެ ހައްޔަރުން ދޫކޮށްލުމާ އެކު މުސްތަފާ ވެސް ދުވަސްކޮޅަކަށް ލަންކާއަށް ގޮސްފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން އެ ޖަމާއަތަށް ދިން ކޯޓާއަށް ވުރެ އިތުރަށް 125 ވުރެ ގިނަ މީޙުންގެ އަތުން ފައިސާނެގި ކަމަށްވެ އެވެ. ވީއައިޕީ ޕެކޭޖްގެ ނަމުގައި ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުތަކުން އެ ކުންފުނިން ފައިސާ ވެސް ނަގާފައިވެ އެވެ.

އެ ކުންފުނިން މީހުން ހައްޖަށް ގެންގޮސްދޭ ރޭޓެއް ކަމަށް މީގެ ކުރިން އިއުލާން ކޮށްފައި ވަނީ މީހަކަށް 69،000ރ. އެވެ. އެ ރޭޓަށް ބަލާނަމަ ފަތުހު ޖަމާއަތުން ވަނީ އެކި މީހުންގެ އަތުން ހައްޖަށް ގެންދިޔުމަށް 8.6 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ފައިސާ ނަގައިފަ އެވެ.

ކުންފުނި ބަގުރޫޓްވީ ކަމަށާއި މީހުން ހައްޖަށް ގެންދެވެން ނެތްކަން އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް އެންގީ ވެސް އެންމެ ފަހު ވަގުތު އެވެ. އެއާ އެކު ސަރުކާރުގެ ހަރަދުގައި އެ މީހުން ހައްޖަށް ފޮނުވީ ބަޖެޓުން ނުވަ މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.