ހަބަރު

ޝިފާން މަރާލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ދެވަނަ ފަހަރަށް ހައި ކޯޓުން ނިންމާލައިފި

Apr 26, 2015

ވެސްޓްޕާކް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ މއ، ފެއަރީކޯނާ  އަލީ ޝިފާން މަރާލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ދެވަނަ ފަހަރަށް މިއަދު ނިންމާލައިފި އެވެ.

އޭޕްރީލް 2012 ގައި ޝިފާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރުމުން އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ކުރިން ހައި ކޯޓުން ނިންމާލާފައި ވަނިކޮށް މިއަދު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވީ އެ މައްސަލަ ބަލާ ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ބަދަލުވެފައިވާތީ އިޖްރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށެވެ. ކުރިން އެ ބެންޗުގައި އިންނެވި ފަނޑިޔާރު ޔޫސުފް ހުސައިން ރިޓަޔާކޮށްފައިވާތީ މިހާރު އޭނާގެ ބަދަލުގައި އެ ބެންޗުގައި އިންނަވަނީ ފަނޑިޔާރު އައްބާސް ޝަރީފެވެ.

ފަނޑިޔާރުން ބަދަލުވުމުން މައްސަލަ ޚުލާސާކޮށް އަލުން ހުށަހެޅުމަށާއި ކުރިން ދައްކާފައިވާ ވާހަކަތައް ޚުލާސާކޮށް ދެއްކުމަށް ފުރުސަތު ދޭތީ މިއަދުގެ އަޑުއެހުމުގައި ހުރިހާ ފަރާތްތަކަށް ވެސް ވަނީ އެ ފުރުސަތު ދީފަ އެވެ. ދައުލަތަށާއި ދައުވާލިބޭ ތިން މީހުންގެ ވަކީލުންނަށް ފުރުސަތު ދިނުމުން އެ އެންމެން ވެސް ބުނެފައިވަނީ އިތުރު ވާހަކައެއް ނެތް ކަމަށާއި ކުރީގެ ވާހަކަތަކަށް ރިއާޔަތްކޮށް މައްސަލަ ނިންމައި ދިނުމަށެވެ.

އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ. ހުކުމްކުރާނެ ދުވަސް ފަހުން ދެ ފަރާތަށް ވެސް އަންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.