ވިޔަފާރި

އުރީދޫން ނޭޕާލަށް ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފި

Apr 26, 2015
3

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އަށް އިއްޔެ އައި ބިން ހެލުމާއި ގުޅިގެން އުރީދޫން އެ ގައުމަށް ހިލޭ ގުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނީ މި ހާދިސާގެ ހިތާމާގައި ބައިވެރިވުމުގެ ގޮތުން ކަސްޓަމަރުންގެ އާއިލާ އާއި ރައްޓެހިންނަށް ގުޅުމައްޓަކައި މިއަދު މެންދުރު ބާރައިން ފެށިގެން ތިން ދުވަހު ނޭޕާލަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.

" ނޭޕާލަށް ހިލޭ ކޯލް ކުރުމުގެ ހިދުމަތުގެ އިތުރުން މި ބިންހެލުމުގެ ހާދިސާގައި ފުރާނަދިޔަ މީހުންނަށް ތައުޒިޔާ ފޮނުވައި މި ހާދިސާގައި އަސަރުކުރި މީހުންގެ ހިތާމާގައި ބައިވެރިވަމެވެ،" އުރީދޫން ބުންޏެވެ.

އުރީދޫން ދަނީ މިފަދަ ހާދިސާތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެ ކުންފުންޏަކީ ޖީއެސްއެމްއޭ ހިއުމެނިޓޭރިއަން ކަނެކްޓިވިޓީ ޗާޓުގައި ވެސް ހިމެނޭ ކުންފުންޏެކެވެ.މި ޗާޓު މެދުވެރިކޮށް މޮބައިލް އޮޕަރޭޓަރުން އިންސާނިއްޔަތައް ހިދުމަތް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ކަންތައްތަކަށް އަމަލުކުރަން އެއްބަސްވެފައިވެ އެވެ.

ނޭޕާލަށް އިއްޔެ އައި ބިން ހެލުމުގެ ސަބަބުން އެ ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި މި ގެއްލުންތަކުގެ ސަބަބުން އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 2000 އަށް އަރާފަ އެވެ.