ވިޔަފާރި

އާ ރަންވޭގެ ދެވަނަ ލޭޔަރުގެ މަސައްކަތް ފަަށައިިފި

Oct 19, 2017

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ތަރައްގީކުރާ އާ ރަންވޭގެ ދެވަނަ ލޭޔަރު ފެތުރުމުގެ މަސައްކަތް ފަށައިފި އެވެ.

ވީއައިއޭ ތަރައްގީކުރާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ އާ ރަންވޭގައި ހިމެނޭ "ސަބް-ބޭހު" ގެ ދެވަނަ ލޭޔަރު އެޅުމުގެ މަސައްކަތް ފަށައި، މޮޅުމަހެއްގެ ތެރޭ ނިންމާ ލެވޭނެ ކަމަށެވެ.

ދުނިޔޭގެ އެންމެ ބިޔަ ބޯޓު ފަހަރަށް ޖެއްސޭ ފެންވަރަށް ތައްރައްގީކުރާ އާ ރަންވޭގައި އިތުރު ތިން ލޭޔަރު ހިމެނެ އެވެ. މިގޮތުން ދެން ފަތުރާނީ ވަރުގަދަ ކޮންކްރީޓް ލޭޔަރެކެވެ. މީގެ ކޮންމެ ލޭޔަރެއްގައި 200 މިލިމީޓަރު ހުންނާނެ އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަން އަޅާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުންނެވެ. އާ ރަންވޭ އަޅަނީ އާދައިގެ ކުންފުންޏެއްް ނޫނެވެ. މި މަސައްކަތް ކުރަނީ ދުނިޔޭގައި ވެސް އޮތް މި ބާވަތުގެ މަސައްކަތް ކުރުމަށް އެންމެ ގާބިލް އެއް ކުންފުނި ކަމަށްވާ، ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން އެވެ.

ރަންވޭ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކައި ނިމި، މިހާރު ވަނީ ޝީޓް ޕައިލް ކުރަން ފަށާފަ އެވެ. މި މަސައްކަތް ކުރުމަށް 62 ހެކްޓަރު ވަނީ ހިއްކާފަ އެވެ.