ހަބަރު

ނަވާޒް ޝަރީފާއި ދަރިކަނބަލުންނަށް ޚިޔާނާތުގެ ދައުވާ

ސުޕްރީމްކޯޓުގެ ހުކުމަކުން ވެރިކަމުން ދުރުކޮށްފަައިވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފާ ދެކޮޅަށް އެގައުމުގެ ކޯޓެއްގައި ހިޔާނާތުގެ ދައުވާ އުފުލައިފިއެވެ.

ލަންޑަނުގައި ހުރި ، ހުރިކަން ކުރިން ހާމަ ނުކުރައްވާ ގެއަކާ ގުޅުވައިގެން ޝަރީފާއި ދަރިކަނބަލުންނާ ދެކޮޅަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އެ ދެބޭފުޅުންނަށް ޖަލު ހުުކުމެއް އަންނާނެއެވެ.

އުމުރުފުޅުން 67 އަހަރުގެ ނަވާޒް ޝަރީފަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ގެއްލިވަޑައިގެންނެވީ އޭނާ އެމަގާމަށް ޝަރުތު ހަމަނުވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމްކޯޓުން މިދިޔަ ޖުލައިމަހު ކުރި ހުކުމަކާ ގުޅިގެންނެވެ. އޭނާ މަގާމަށް ޝަރުތުހަމަނުވާ ކަމަށް ނިންމީ ލިބިވަޑައިގަންނަވާ ކަން ހާމަ ކުރައްވާފައި ނުވާ އާމްދަނީއެއް އޭނާއަށް ލިބިވަޑައިގަންނަވާ ކަން ސާބިތުވި ކަމަށް ބުނެއެވެ.

ޝަރީފާއި އޭނާގެ ބޭފުޅުންގެ މައްސަލަ ތަހުގީގު ކުރީ ޕާކިސްތާނުގެ ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އިދާރާ ނެޝަނަލް އެކައުންޓަަބިލިޓީ ބިއުރޯ ( އެންއޭބީ) އިންނެވެ.

ދައުވާ އުފުލި އިރު މަރިޔަމް ވަޑައިގެން ކޯޓުގައި ހުންނެވި ނަމަވެސް ޝަރީފު ފޮނުއްވީ މަންދޫބެކެވެ. އޭނާ މިވަގުތު ހުންނެވީ ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ އަނބިކަނބަލުންނާ އެކު ލަންޑަނުގައެވެ.

ޝަރީފުގެ މަންދޫބާއި ދަރިކަނބަލުން މަރިޔަމްވެސް ވަނީ ދައުވާއަށް އިންކާރުކުރައްވާފައެވެ. ކޯޓުގައި މަރިޔަމް ވިދާޅުވީ ކޮށްފައިވާ ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެއް ކަމަށެވެ. އަދި ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އޭނާ ނުސީދާކޮށް ތުހުމަތު ކުރެއްވީ އެ ދައުވާއަކީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ނުފޫޒުން ކުރި ދައުވާއެއް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މިއީ ' 1999 ވަނަ އަހަރު ތަކުރާރުވުން' ކަމަށެވެ. އެ އަހަރަކީ ޖެނެރަލް ޕަރްވޭޒް މުޝައްރަފު އިސްވެ ހުންނަވައިގެން ކުރި ބަޣާވާތަކުން ނަވާޒް ޝަރީފު ބޮޑުވަޒީރުކަމުން ދުރުކޮށް ދައުވާ އުފުލި އަހަރެވެ.