މިއުޒިކް

ހިތާނީ މޫސުމަށް ހިޝާން ތައްޔާރުވެއްޖެ

Oct 21, 2017

ހަލުވި ދުވެއްޔެއްގައި ދުވަސްތައް ނިމެމުން ގޮސް 2017 ވަނަ އަހަރުގެ ފަހުކޮޅަށް މިއޮތީ އަޅާފަ އެވެ. ސްކޫލްތައް ބަންދުވެ ޗުއްޓީއަށް ތަންތަނަށް ދިއުމާއި ހިތާނީ މޫސުމަށް ތައްޔާރުވާން މިހާރުވެސް ފަށައިފި އެވެ. ހިތާނު ކުރަން ބައެއް މީހުން ހޮސްޕިޓަލުން ޖާގަ ހޯދިއިރު އަނެއް ބަޔަކު ބޮޑެތި ޕްލޭންތައް ހަދައިގެން ރަށްރަށަށް ދަނީ އެވެ. މާލޭގައިވެސް ބައެއް މީހުން ހިތާނު ކުރެ އެވެ.

މި ހިތާނީ މޫސުމުގައި އެންމެ ފޯރިގަދަކޮށްލަނީ ދުރުގައި ތިބި އާއިލާ މީހުން އައިސް ގިނަ ވަގުތުތަކެއް އެކުގައި ހޭދަކޮށްގެނެއް ނޫނެވެ. ގިނަ ފަހަރަށް ރޭގަނޑުގެ ވަގުތުތައް ފޫހިފިލުވާލަން ގެންނަ ބޮޑުބެރު ގްރޫޕްތަކާއި ބޭންޑުތަކުންނެވެ.

މި މޫސުމާއި ދިމާކޮށް މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން އުދުހިގަނެގެން އުޅޭ އަބްދުﷲ ހިޝާން މިއުޅެނީ އަމިއްލަ ބޭންޑެއް ހިފައިގެން ނުކުމެ އެވެ. ބޭންޑު އަދި ރަސްމީކޮށް ލޯންޗު ނުކުރިއަސް ހިތާނީ މޫސުމަށް އޮތީ ނިކަން ރަނގަޅަށް ތައްޔާރުވެ އެވެ. ބޭންޑުގެ ނަމެއް އަދި ފައިނަލް ނުވެ އެވެ. އެހެން ނަމަވެސް އެ ސީޒަން ފެށޭއިރު ނަން ފައިނަލް ކޮށް ބޭންޑު ކުރާނެ އެވެ. މިހާރުވެސް ޕްރެކްޓިސްތައް ކުރިއަށް އެބަ ގެންދެ އެވެ. ޝޯތައްވެސް ދެމުން އެބަގެންދެ އެވެ.

ހިޝާން އާ އެކު އެ ބޭންޑުގައި ހަރަކާތްތެރިވާނީ މޫސާ އިޝާން (ކޮކީ) އަދި މުހައްމަދު މިޝްއާން (މިއްޓު) އެވެ. ގިޓާ ކުޅެމުން ހިޝާން ލަވަ ކިޔާއިރު އިޝާންވެސް ގިޓާ ޖަހާނީ އެވެ. މިއްޓު ކުޅޭނީ ކަހޯން އެވެ.

ތިން ފަންނާނާއެކު ހިޝާން ބޭންޑު ހެދީ ހިތާނީ ޝޯތައް ފަދަ ޝޯތައް ދިނުމުގެ އިތުރުން ރިސޯޓު މިއުޒިކަށް ހާއްސަ ވާށެވެ. އެންމެ ރަނގަޅު އާމްދަނީއެއް ލިބެން އޮތީ ރިސޯޓު މިއުޒިކުން ކަމަށްވީމަ އެވެ. ރިސޯޓަށް މިއުޒިކް ކުޅެން ދިޔަޔަސް ހިޝާންގެ ސަޕޯޓަރުންނާއި ފޭނުންނަށް އޭނާގެ އަޑުން ރީތި އަމިއްލަ ލަވަތަކެއްވެސް ގެނެސްދޭނެ އެވެ.

މިހާރުވެސް ހިޝާން ދަނީ އަމިއްލަ ލަވައެއްގެ މަސައްކަތް ފަށައިގެން ކުރަމުންނެވެ.