ޕީޕީއެމް

"އާ މެނިފެސްޓޯއާ އުފާވެރި ހަބަރުތަކާއެކު އަންނަ މަހު ބައްދަލު ކުރާނަން"

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އުފާވެރި ހަބަރުތަކަކާއެކު ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޕީޕީއެމްގެ "ތައްޔާރު" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އަންނަ މަހުގެ 17 ވަނަ ދުވަހަކީ އެ މަނިކުފާނުގެ ސަރުކާރަށް ހަތަރު އަހަރު ފުރޭ ދުވަސް ކަމަށާއި، އެ ދުވަހު ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި އުފާވެރި ހަބަރުތަކެއް ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، މިރޭ އެމަނިކުފާނު ރައްޔިތުންނާ ބައްދަލުކުރައްވަނީ ޕީޕީއެމްގެ މުސްތަޝާރުގެ ހައިސިއްޔަތުން ކަމަށާއި ނަމަވެސް އެ ދުވަހު ރައްޔިތުންނާ ބައްދަލު ކުރައްވަނީ ރައިސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކަމަށެވެ.

"ކުރިއަށް އޮތް އަހަރުގެ އުފާވެރި ހަބަރުތަކާއެކު އަޅުގަނޑު ތިޔަ ބޭފުޅުންނާ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބައްދަލުކުރާނަން، އަދި އަންނަ ދައުރުގެ މެނިފެސްޓޯގައި ކުރިއަށް އޮތް ފަސް އަހަރުގައި ކުރާނެ ކަންކަން ބަޔާން ކުރާނެ،" ރައީސް ވިދާޅުވި އެވެ. އާ މެނިސްޓޯގެ ވާހަކައިން އިޝާރާތް ކުރައްވެވި އިރު އެ މަނިކުފާނު އާ ދައުރަކަށް ކުރިމަތިލައްވާތޯ ބައެއް ފަރާތްތަކުން ސުވާލު ކުރައްވަ އެވެ.

އުފާވެރި ހަބަރުތަކަކާއެކު ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ޔާމީން މިރޭ ވިދާޅުވިއިރު، ރައްޔިތުންނަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްގީތަކަށް އެއްވެސް ފަރާތަކަށް ހުރަސް ނޭޅޭނެ ކަމަށް ރައީސް މިރޭ ވިދާޅުވި އެވެ. އަދި ފާޑުކިޔައިގެން އެމަނިކުފާނުގެ ތަރައްގީ ވިސްނުންފުޅަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ސާބިތުކަމާއެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް މިރޭ ވާހަކަފުޅު ދެއްވީ 36 މިނެޓަށެވެ. މިއީ މިހާ ކުރުކޮށް ރައީސް މިފަދަ ޖަލްސާއެއްގައި ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ. އާންމު ގޮތެއްގައި ގަޑިއެއްހާއިރަށް ވާހަކަފުޅު ދައްކަވަ އެވެ.