ލައިފްސްޓައިލް

އަތުގައި ހުސް ބެކްޓީރިއާ، ލޮލުގައި އަތް ނުލާ!

Oct 20, 2017

ބައެއް ފަހަރު ބައެއް މީހުން ހެނދުނު ހޭލުމަށްފަހު ތެޅިފޮޅިގަނެ ދާ ހިއްލާ ފޯވެެގެން އޮފީހަށްވަދެ ދުވަހުގެ މަސައްކަތް ފަށައިގަންނަނީ އަލިގަދަ ކޮމްޕިއުޓަރު ސްކްރީނެއްގެ ކުރިމަތިންނެވެ. އެ ސްކްރީން ނޫން އެހެން ދިމާލަކަށް މީހާގެ ނަޒަރު ބަދަލުވާނީ ބްރޭކް ގަޑި ޖެހުމުން ނުވަތަ އެހެން މީހަކު މުހިންމު ކަމަކު ގޮވާލިއްޔާ އެވެ. އެހެން ނޫނީ އިންނާނީ މަސައްކަތުގެ ތެރެއަށް ވަދެވި ކޮމްޕިއުޓަރުގެ ސްކްރީނަށް "ގެއްލިފަ" އެވެ.

އަށް ގަޑިއިރު ވަންދެން ކޮމްޕިއުޓަރު ސްކްރީންއަށް ބަލަހައްޓައިގެން އިނދެފައި ގެއަށް ގޮސް ނުވަތަ ރައްޓެހިންނާއެކު ކޮފީތަކަށް ގޮސްފައި ވެސް އިންނާނީ ލޮލަށް އެތައް ގެއްލުންތަކެއްދޭ ކުޑަކުޑަ ސްކްރީނަކަށް ދެ ލޯ "ކޮއްޕައި" ގެންނެވެ. ލެޕްޓޮޕް، ޓީވީ ނުވަތަ ފޯނެވެ. އާންމުކޮށް ފޯނެވެ. ފަހުގެ ސްމާޓް ފޯނުތަކެވެ. އެވްރެޖްކޮށް މީހަކު ދުވާލަކު 10 ވަރަކަށް ގަޑިއިރު މި ސްކްރީންތަކަށް ބެލުމުގައި ހަރަކާތްތެރިވެ އެވެ.

ގިނަ ވަގުތު ބަލަން އިނުމުން ލޮލަށް ގެއްލުންވާނެކަން ނޭނގޭތީކީ ނޫނެވެ. ކަށީގައި ދެވިހިފާފައި ހުންނާތީ އެވެ. އެއާ ނުލާ އުޅެން އުނދަގޫވީމަ އެވެ. ލޯ ހިރުވާ ނުވަތަ ލޮލުގައި ރިއްސަން ފެށުމުން ލޮލަށް ކޮއްޕާލެވެނީ އަތެވެ އުނގުޅައި ގަނެވެނީ އެވެ. އެ ވަގުތަކު ކުރަން ހުރި ކަމަކުން ހުސްވެ، ރީތިކޮށް އަތް ދޮވެލާކަށް ހަނދާނެއް ނުހުރެ އެވެ. އެތައް ހާސް ބެކްޓީރިއާއެއް އެއްފަހަރާ ލޮލަށް ފޮނުވާލަނީ އަމިއްލަ އަތުންނެވެ. ލޮލަށް އިތުރު ގެއްލުން ތަކެކެެވެ.

ލޮލަށްވެސް ޗުއްޓީއެއްދީ އަރާމުކޮށްލާށެވެ. އޮފީހުން އައިސް ވަރުބަލި ފިލުވާލަން ޖައްސާލާ ގަޑީގައި ގާތް އެކުވެރިޔާގެ ވަޒީފާއިން ފޯނާއި ލެޕްޓޮޕް އަދ ޓީވީ ވަކި ކުރާށެވެ. އެހެން ނޫނީ ލޮލުގެ ފެނުމަށް ބަދަލު އައިސް ރީތި ދެ ލޯ ހަލާކު ވެސް ވެދާނެ އެވެ. ލޯ ރަތްވެ ލޯ ކައިރި ކަޅުވާން ފަށާފާނެ އެވެ. ގިނަ މީހުންނަށް ހީވާ ގޮތުގައި ލޯ ކައިރި ކަޅުވަނީ ހަމައެކަނި ނިދި ހަމައަށް ނުލިބޭތީ އެވެ. މުޅިއަކުން ތެދެއް ނޫނެވެ. ލޮލުގެ ނާރުތައް ހަލާކުވެ ލޭ ދައުރު ކުރުމަށް ބަދަލުތަކެއް އައުމުން ލޯ ކައިރި ކަޅުވާނެ އެވެ. އަތުން ލޮލުގެ ހިރުވުން ފިލުވަން އުޅޭނަމަ އެ ނާރުތައް ހަލާކުވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ލޯ ހިރުވަން ފެށުމުން ލޮލުގައި އަތްލުމުގެ އާދަ އެއްކޮށް ނައްތާލަން އެބަޖެހެ އެވެ. ފޯނާ ކުޅެން އިންދާ ނުވަތަ ފިލްމު ބަލަން އިންދަ ލޯ ހިރުވަން ފަށައިފި ނަމަ އޭގެ މާނަ އަކީ ލޮލުގައި އަތްލާ ހިރުވުމުން ހުއްޓުވޭތޯ ބަލާށެކޭ ނޫނެވެ. ލޮލަށް ބްރޭކެއް ދޭށެވެ. ލޮލަށް ގެއްލުންދޭ އެ އަލިން ލޯ ދުރުކޮށްލާާށެވެ. ނުވަތަ ލޮލަށް އަޅާން އެކަށީގެންވާ ބޭހެއް އަޅާށެވެ. ޑޮކްޓަރެއްގެ އިރުޝާދާއި ނުލާ މިފަދަ ބޭހެއް ބޭނުން ކުރުން ރައްކާތެރިއެއް ނޫނެވެ. އެފަދަ ބޭހެއް ނެތްނަމަ ޓިޝޫއެއް ބޭނުން ކުރުން ރަނގަޅެވެ. ލޮލުގައި އަތްލުމަކީ ގިނަ ގެއްލުންތަކެއް ލޮލަށް ލިބިދާނެ ކަމެކެވެ. އިތުރަށް ލޯ އިންފެކްޓްވެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ އެވެ.

އާންމުކޮށް ލޯ ހިރުވަން މެދުވެރިވަނީ މާގިނައިރު ވަންދެން ކޮމްޕިއުޓަރު ނުވަތަ ފޯނު ސްކްރީން ފަދަ ސްކްރީންތަކަށް ބަލާތީ އެވެ. އޭގެ އިތުރުން ލޯ ހިއްކާލާ ކޮންޓެކްޓް ލެންސް ބޭނުންކުރަނަމަ ލޯ ހިރުވާނެ އެވެ. ސަބަބެއް ކަމަށްވަނީ ލެންސް ލެއްވުމުން ލޮލަށް އެންމެ އެކަށީގެންވާ ވަރަށް އޮކްސިޖަން ނުލިބުމެވެ. ލޯ ހިރުވަން ފެށުމުން ލޮލުގައި އަތްލާ ލޯ އުނގުޅާލާއިރަށް ބައެއް ފަހަރު ލެންސްގެ ސަބަބުން ލޯ ހަލާކުވެސްވެ އެވެ. އިންފެކްޓްވުމަށް އިތުރު ފުރުސަތެއް ހުޅުވާލެވެނީ އެވެ.

ލޯ ހިރުވާން ފަށައިފިނަމަ އެހެން ކަމަކަށް ސަމާލުކަން ބަދަލުކޮށްލެވޭތޯ ބަލާށެވެ. ލޮލުގެ ހިރުވުން ދުރުކުރަން ލޯ އުނގުޅައިގެން އުމުރު ދުވަހަށް ލޮލުގެ ފެނުންވެސް ގެއްލިދާނެ އެވެ.